އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނެ މެޗުން ފަޞޭޙަކަމާއެކު ލެސްޓާ ބަލިކޮށް ލިވަޕޫލް 13 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.
ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
ހުރިހާ ގޮތަކުން ލިވަޕޫލުން ކޮންޓްރޯލް ކުރަމުންއައި މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ފިރްމީނޯއެވެ. މިނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ލިވަޕޫލް ލީޑްގައި އޮވެއެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަކަށް ދެވަނަ ހާފުވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ލިވަޕޫލުންނެވެ. ނަތީޖާއެއްގެ ގޮތުން ލިވަޕޫލްގެ ލަނޑުތަކެއް ފުލުފުލުގައިވަނީ ފެނިގެން ގޮސްފައެވެ. ލިބުނު ޕެނަލްޓީއަކުން 71 ވަނަ މިނަޓްގައި މިލްނާ ލަނޑެއް ކާމިޔާބުކޮށްދިންއިރު، 74 ވަނަ މިނަޓްގައި ފިރްމީނޯވަނީ އިތުރު ލަނޑެއް ޖަހައި ދީފައެވެ. އަދި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު މެޗުގެ 78 ވަނަ މިނަޓްގައި ފެނިގެން ދިޔައިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްޒާންޑާ އާނޯލްޑްއެވެ.
ލީގުގައި ލިވަޕޫލް މިހާތަނަށް ކުޅުނު 18 މެޗުންވެސް ބަލިވެފައިނުބާއިރު، 17 މެޗުން މޮޅުވެ، 1 މެޗުވަނީ ޑްރޯވެފައެވެ. 52 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ލެސްޓާއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.
ރޭގެ މޮޅަކީ 30 އަހަރު ފަހުން ލީގު ހޯދުމަށް ލިވަޕޫލުން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ލިވަޕޫލް އެންމެފަހުން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ 1990 ވަނަ އަހަރުއެވެ.




