ބާސެލޯނާއިން ބޭނުންނަމަ ހުރިހާ އެއްޗެއްވެސް ދޫކޮށްލާފަ ދާން ތައްޔާރަށް ހުރިކަމަށް މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ޕެޑްރޯ ރޮޑްރިގޭޒް ބުނެފިއެވެ.
ކުރިން ބާސެލޯނާއަށް ކުޅުނު ޕެޑްރޯ ބާސެލޯނާ ދޫކޮށް ޗެލްސީއާއި ގުޅުނީ 2015 ވަނަ އަހަރުއެވެ. އަދި ޗެލްސީއާއެކު ޕެޑްރޯ ހަދާފައިވާ އެއްބަސްވުން 2020 ގައި ހަމަވާނެއެވެ.
"ބާސެލޯނާއިން ގުޅައިފިއްޔާ، މިހުރީ ހުރިާ އެއްޗެސްވެސް ދޫކޮށްލާފަ ދާން ތައްޔާރަށް." ސްޕެއިން ނޫހަކަށް ދިން އިންޓަރވިއުއެއްގައި ޕެޑްރޯ ބުންޏެވެ.
މީގެއިތުރުން ޕެޑްރޯ ބުނީ މިއަހަރުގެ ޕްރި ސީޒަންގައި ބާސެލޯނާއަށް އެނބުރި އައުމުގެ ހަނި ފުރުޞަތެއް ލިބުނުކަމަށާއި، ނަމަވެސް ފުރުޞަތުގެ ބޭނުން ހިފޭގޮތް ނުވެ އެދޮރު ބަންދުވީ ކަމަށެވެ.
ޕެޑްރޯއަކީ ސްޕެއިންގައާއި އިންގްލޭންޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއެކު ބާސެލޯނާގައި ގިނަ ދުވަސްތަކެއްވެސް ޕެޑްރޯ ހޭދަކޮށްފައިވެއެވެ.
އެގޮތުން މެސީއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕެޑްރޯ ބުނީ، މެސީއަކީ ވަރަށް ރަނގަޅު ޓީމްމޭޓެއް ކަމަށެވެ. އަދި އެމީހުން ކުޅުނީ ހަމައެކަނި މެސީއަށްޓަކައި ނޫންކަމަށާއި، މެސީގެ ފަރާތުންވެސް އޭނާއަށް ބޮޑެތި އެހީތެރިކަމެއް ލިބިފައިވާކަމަށް ޕެޑްރޯ ބުންޏެވެ.
އެގޮތުން ބާސެލޯނާގެ ހަނދާނެއް ކިޔައިދެމުން ޕެޑްރޯ ބުނީ އާންމުކޮށް މެސީގެ އެހީތެރިކަމާއެކު އޭނާ ލަނޑުޖަހަމުން ދިޔަނަމަވެސް، އޭނާގެ ޕާހަކުން މެސީ ލަނޑެއް ކާމިޔާބުކުރި ދުވަސް އަދިވެސް ހަނދާންވާކަމަށާއި، އަދި އެލަނޑުގެ އުފާފާޅުކުރުމުގެ ތެރޭގައި މެސީ އޭނާއަށް ޝުކުރުވެސް އަދާކުރިކަމަށެވެ.



