ކިނބިވަލު ކަމަނަ (11)

(ދިހަވަނަ އަދަދާއި ގުޅޭ)

ނާއިލްމެންގެ ގެއާއި މާދުރަށް ނުދެވެނީސް ޔަހުޔާއަށް ފެނުނީ ތަންކޮޅެއް ދުރުގައި ޔަހުޔާއަށް ލޯއަޅައިގެން ބަލަން ހުރި ބަރްޝާއެވެ. ޔަހުޔާ ހުރި ފިޔަވަޅު މައްޗަށް ހުއްޓި ހުރެ ބަރްޝާއަށް ބަލާލިއެވެ. ބަރްޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރި ކަމުގެ ނިޝާންތަކެވެ. ޔަހުޔާއަށް އެއީ ކާކުކަން ވަގުތުން އެނގުނު ކަހަލައެވެ. ޔަހުޔާ ބަލަން ހުއްޓާ ބަރްޝާ ހިނގާލާފައިގޮސް ވަނީ ކިނބިވަލަށެވެ. ފަސްއެނބުރި ބަލާވެސް ނުލައެވެ. ޔަހުޔާ ކޮންމެވެސް އެއްޗެއް ކިޔެވެއްޔެއް ކިޔަވާލުމަށްފަހުގައި އަނެއްކާވެސް ހިނގައިގަތެވެ. މިހާރު ޔަހުޔާއަށް ކުރިމަތި ލާންޖެހެނީ ކާކާއި ކަން އެނގިހުރެއެވެ.

***

ހިތްހަމަޖެހިފައި ހުރި ޒީނާ ފަހެއް ޖެހުމުގެ ކުރިން ފެންވަރާ ރީތިވެލިއެވެ. ކުދިންވެސް ފެންވަރުވާ ރީތިކޮށްލިއެވެ. އެރޭ ކުދިންނަށް ކާންދިނީވެސް ޒީނާ އަމިއްލައަށެވެ. ކުދިން ނިންދަވަން އެނދަށްއަރާ ދެފައި ދަމާލާފައި ޒީނާ އިށީނދެ އަމާންނަގާ ފައިމަތީގައި ބާއްވާ މަޑުމަޑުން ތަޅުވަން ފެށިއެވެ. ނާއިލްވެސް އެނދަށްއަރާ އިށީނދެ ދެފައި ދިއްކޮށްލާ އަމްނާ އުނގަށް ލުމަށްފަހުގައި މަޑުމަޑުން ތަޅުވަން ފެށިއެވެ. ޒީނާގެ މަޑުމަޑު ރިވެތި އަޑުން "ރަންކޮކާލާ" ލަވަ ކިޔަމުންދިޔައެވެ. ނާއިލްއަށް ކުރެވެމުންދިޔައީ ބުނެދޭންވެސް ދަތި އުފާވެރި ކަމުގެ އިހުސާސްތަކެކެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހުގައި ޒީނާ އެދަފަ ގޮތަކަށް އުޅޭތަން ފެނުމުންނެވެ. ހަމަޖެހިފައި ހުއްޓާ ޒީނާ ފެނުމުންނެވެ.

ކުދިން ނިދުމާއި އެކުގައި ކޮޓަރީގެ ބޮކީގެ ކުލަ ފަނޑުކޮށްލީ ޒީނާއެވެ. އެތަށް ދުވަހަކަށް ފަހުގައި ލޯބިވާ ފިރިމީހާއާއި ގާތްވެލުމުން އުނދަގުލެއް ނުވުމުން ޒީނާހުރީ ނިކަން އުފަލުންނެވެ. ޔަހުޔާ ކޮށްފައި ދިޔަ ކަމެއްގެ މޮޅުކަމުން ދެމަފިރިންވެސް ތިބީ ހަމަޖެހިލައިގެންނެވެ. ކޮޓަރީގެ ތެރެއިން އިވެމުންދިޔައީ ވޭނީ ކުކުރުމެއްގެ އަޑެއް ނޫންކަން ދޮރު ކައިރީގައި ހުއްޓި ހުރި ބަރްޝާއަށް އެނގެއެވެ. ޔަހުޔާގެ ސަބަބުން އޭނާގެ ހުރިހާ މަސައްކަތެއް ފެނަށްގޮސްދާނެތީ އޭނާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އެތަށް ދުވަހެއް ވަންދެން ވިސްނާ ރާވަމުން އައި ރޭވުން، ފޫނެއް ފަޔަށް ފެންފުރުންފަދަ ކަމަކަށް ވެގެންދިޔަކަ އޭނާއެއް ނުދޭނެއެވެ. ބަރްޝާއަކީ ގޮތްދޫކޮށްލުމަށްފަހުގައި ފަސްދީ ދާނެ ވައްތަރެއް ނޫނެވެ. އެހެން ނޫންނަމަ ހާމިދު މަރާލުމަށްފަހުގައި ބޮޑު ހަނގުރާމައެއް އިއުލާނެއް ނުކުރީހެވެ. ޒީނާއަށް ދިރިއުޅެން ދަތިވާވަރަށް އުނދަގުލެއް ނުކުރީހެވެ.

މުޅި ގޭތެރެއަށް ވެރިވެފައިވީ ހަމަހިމޭން ކަމުގެ ތެރޭގައި ތަސްލީމްއޮތީ ނުނިދިފައެވެ. ވާހަކައެއް ނުދެއްކުނު ނަމަވެސް އިޝާރާތެއް ނުކުރެވުނު ނަމަވެސް އަދިވެސް އޭނާއަށް ވަށައިގެން ވަމުންދާ ހުރިހާ ކަމެއް ފެނެއެވެ. ހުރިހާ ކަމެއް އިހުސާސް ކުރެވެއެވެ.

ތަސްލީމަށް ވިސްނެމުން ދިޔައީ ދިމާވާން އުޅޭ ހުރިހާ ކަމަކާއި ދޭތެރޭގައެވެ. ދަރިންކޮޅު އެ ހުރިހާ ތޫފާނަކުން ނެރޭނެ ގޮތަކާއި ދޭތެރޭގައެވެ. ނަމަވެސް ގޮނޑީގައި އިނދެގެން ތަސްލީމަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނެތެވެ.
ދެލޮލުން ކަރުނަ އޮހޭ ހާލުގައި ތަސްލީމަށް އޮވެވުނީ އެކަނިވެރިކަން ހިތަށް ވެރިވެފައެވެ. އެ އެކަނިވެރިކަންމަތީ މާގިނައިރު އޮންނާކަށް ނުޖެހުނެވެ. ތަސްލީމްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ ބަރްޝާއެވެ. ފަރި ހިނގުމެއްގައި ގޮސް އޭނާ މަޑުކޮށްލީ ތަސްލީމްގެ އެނދުކައިރީގައެވެ. ކިތަންމެ ބިރެއްގަތް ނަމަވެސް ތަސްލީމަށް ދުއްވައިގަނެވޭކަށް ނެތެވެ. ނުވިތާކަށް އޮތްތަނުން ތެދުވެވޭކަށްވެސް ނެތެވެ. ބަރްޝާގެ ރީތ ދިގު އިސްތަށިގަނޑު އޮތީ ގަތާލާފައެވެ. ބޮލުގެ އެކި ތަންތަނަށް ޖަހާފައިވީ ކިނބިމާތަކުން މުޅި ކޮޓަރި އެއްވަސް ކުރުވައިފިއެވެ. ތަސްލީމްގެ ނިއްކުރިމަތިން އޮށްދާ ހިއްލާލިއެވެ. ނޭވާ އަވަސްވެ ޖެހިލުންވިއެވެ.

"ހާސް ނުވޭ. އަދި ވަގުތެއް ނުޖެހޭ. އެކަމަކު ވަރަށް އަވަހަށް އެ ވަގުތުވެސް ޖެހިދާނެ. އެ ވަގުތު ޖެހެންދެން ކެތްތެރިވޭ. މިބުނާ ވަގުތު ކަލެއަށް ޖެހޭނީ ލައްކަ މަންޒަރުތަކެއް ލޮލަށް ފެނުމަށް ފަހުގައި." ބަރްޝާ ހަމަޖެހިލައިގެން ތަސްލީމްގާތު އެނދުމަތީގައި އިށީނދެލިއެވެ.

"ހިތަށް އަރާދޯ އަހަންނާއި ދިމާއަށް ވަރަށް އެއްޗެހި ކިޔަން؟ މިހާރުވެސް އަހަންނާއި ދިމާއަށް ހިތާހިތުން އެއްޗެހި ކިޔަނީދޯ ތި. ކީއްކުރާނީ! ތިކިޔާ އެއްޗެއް އަހަންނަކަށް ނީވޭ. އިވޭނަމަވެސް އަހަންނަށް ކީއް؟ ކަލޭގެ ނަސީބު ކަލޭ ތިހާލުގަ އޮތްކަން. އެހެން ނޫން ނަމަ އެންމެ ފުރަތަމަ އަހަރެން ދުއްވާލާނީ ކަލޭގެ ދުވަސް." ބަރްޝާ އިށީނދެގެން އިންނާކަށް ނުހެދިއެވެ. ތަސްލީމްއާއި ދިމާއަށް އެނބުރި އޮށޯވެލީއެވެ.

"ޕިސް ޕިސް ޕިސް. ގައިމު އެދުވަހު އެހެން މިރަށުން ފައިބައިގެން ނުދިޔަ ނަމަ ތިހެން ނުވީސްކަންނޭނގެ. ކަލޭ ހީކުރީ ކަލެއަށް ނާއިލް ފޮރުވޭނެ ކަމަށްތަ؟ ހަތްހާއްޔަށްލާ ފޮރުވައިގެން އުޅުނު ނަމަވެސް އަހަރެން އޭނާ ހޯދާނަން. ކީއްވެގެންކަން އެނގެއެއްނު؟ އެއީ އަހަރެންގެ މީހެއް. ކަލެއާ ހުރެ އޭނައެހެން މީހަކާއި އިންނަން ޖެހުނީ!" ބަރްޝާ ރުޅިއައިސް ރަތްވިއެވެ. ތަސްލީމްގެ ކަރުގައި ދެއަތުން ހިފާބާރުކޮށްލިއެވެ. ނޭވާ ނުލެވިގެން އޭރު ތަސްލީމްގެ ކަރުބުޑުން ފާޑެއްގެ އަޑެއް ނުކުމެއެވެ.

"އޫޕްސް. މަރުވިޔަ ނުދޭނަން. ހަމަ މިހެން އަނިޔާ ކުރާނީ." ތަސްލީމްގެ ކަރުން އަތް ދޫކޮށްލަމުން ބަރްޝާ ބިރުވެރި ހިނިގަނޑެއް ޖަހާލިއެވެ. ދެން އައީ އެއްވެސް މީހަކު ހީނުކުރާފަދަ ވަގުތު ކޮޅެކެވެ. އެނދުން ތެދުވެލާ ގައިގާ އޮތް ހެދުން ބާލާ ބަރްޝާ އެއްލާލިއެވެ. އަދި ތަސްލީމަށް ފެންނަގޮތަށް އެނދާއި ގާތްވެލިއެވެ. އެއްބުމަ މައްޗަށް އަރުވާލާ އެއްމިޔަކަނުން ހީލުމަށްފަހުގައި ބަރްޝާ ތަސްލީމްގެ ގައިގާ އަތްކާއްތަން ފެށިއެވެ. މާގިނަ އިރު ކުރުމެއްނެތި ތަސްލީމްގެ ގައިގާ އޮތް ޓީޝާޓާއި މުންޑުދަމާ އެއްލާލިއެވެ. ތަސްލީމަށް އޮވެވުނީ ދެލޯ ބޮޑުވެފައިވާ ހާލުގައެވެ. ބަރްޝާގެ ގޮތެއް ނެތްކަމުގެ ސަބަބުން ހައިރާންވެ އަންތަރީސްވެފައެވެ.

"އަހަރެން ހުރީ މިރޭ ނާއިލް ލިބޭނެ ކަމަށް. އެކަމަކު އެހެން އެކަމެއް ނުވި. ނާއިލް ނުލިބުނަސް އަހަރެންގެ ހުރިހާ ބޭނުމެއް އަހަރެން ފުއްދަން ޖެހޭނެއެއްނު؟ އެގޮތަސް މިގޮތަސް އަހަންނަށް ހެޔޮ. އެހެން ނޫނަސް މި ވާނީ ކަލޭގެ މުޅި ދިރިއުޅުމުގަވެސް އިހްސާސްކޮށްލެވޭ އެންމެ ސަޅި ކަންތައްތަކުގެ ތެރެއިން އެއް ކަމަށް. ކަލެއަށް ލިބޭނެ ގެއްލުމެއް ނެތެއްނު" ބަރްޝާ ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އޭނާގެ ކޮޅު މޮޅު ކުރާށެވެ.

***

ޒީނާއަށް އޮތީ ނިދިފައެވެ. އަރާމު ނިންޖެއްގައެވެ. ނަމަވެސް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ހޭލެވުމުންވެސް ނުތެދުވާންވެގެން އެތަށް އިރަކު ޒީނާ އޮތެވެ. ތެދުވެއްޖެނަމަ ނިދިކޮޅު ގެއްލިދާނެތީއެވެ. ފެންނުބޮއި ނުނިދޭނެކަން އިހްސާސް ވުމުން ޒީނާ އެނދުން ތެދުވެލިއެވެ. ލޯގަނޑު ކައިރީގައި ބަހައްޓާފައި ހުރި ޖަގުން ތައްޓަށް ފެންއަޅަން އުޅުމުގެ ތެރޭގައި އަތުން ޖަގު ދޫވެގެން ވެއްޓުނީއެވެ. ޕްލާސްޓިކް ޖަގަކަށްވީކަން ނަސީބެކޭ ހިތަށްއަރާ ޖަގު ނަގައިގެން ޒީނާ ނުކުތީ  ބަދިގެއަށް ދިޔުމަށެވެ. ކުޑަކޮށްވެސް ޔަހުޔާ ދެއްކިވާހަކައެއް ހަނދާނަކު ނެތެވެ.

ފްރިޖު ހުޅުވާލާ ފުރެންދެން ޖަގަށް ފެން އަޅަން ހުއްޓާ ޒީނާއަށް އިވުނީ އެއްކަލަ މީހާގެ އަޑެވެ. އެ އެތީގެ އަޑެވެ.
"ޒީ ނާ" ފުންމައިގެންގޮސް ފަހަތަށް އެނބުރިލެވުނެވެ. ޔަހުޔާ ދެއްކިވާހަކަ ހަނދާނަށް އައީ އެވަގުތުއެވެ. ކޮޓަރިން ނުނުކުންނަން އެދުނުކަމެވެ. ގައިގާ ހުރި ބާރެއް ލުމަށްފަހު ޒީނާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓުން އެރީއެވެ. ސިޓިންގ ރޫމަށް ނުކުމެވުނު އިރުގައި އުނދޯލި އަމިއްލައަށް ހެއްލެނީއެވެ. މަޑުމަޑުންނެވެ. ހީވަނީ މީހަކު އޭގައި އިނދެގެން އުނދޯލި ހެއްލަނީ ހެންނެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރިފައި ހުރި ޒީނާއަށް ދެން ފެނުނީ ސަރަންފީ ގޮނޑީގައި އިން އަންހެނެކެވެ. ސަރަންފީ ގޮނޑީގެ އަތްގަނޑު މައްޗަށް ފައިނަގައިގެން އެ އަންހެން މީހާއިން އިރުގައި އޭނާގެ މޫނު ފެންނަވަރެއް ނުވެއެވެ. އެއަށްވުރެ މުޅިތަން އަނދިރިއެވެ. ޔަގީންވަނީ އެއީ އަންހެނެއް ކަމެވެ.

އަޑުގެ ކޮޅަށް ޒީނާއަށް ހަޅޭއްލަވައިގަނެވުނީ ކުއްލިއަކަށް ސިޓިންގ ރޫމްގެ ހޮޅިބުރި ދިއްލުމުންނެވެ. އޭރު އެ ގޮނޑީގައި އިނީ ބަރްޝާއެވެ. އޭނާގެ ދެލޯ ވަނީ ރަތްކުލައިގައެވެ. ބޮލުގައި ހުރީ މަދު އިސްތައްޓެކެވެ. މުޅިތަނުގައި އޮތީ ކިނބިމަލެވެ. ޒީނާއަށް ބަލާލަމުން ބަރްޝާ ހިނިގަނޑެއް ޖަހާލަން އަނގަ ހުޅުވާލުމާއި އެކުގައި ޒީނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުއްވައިގަނެވުނީ ތަނެއްދޮރެއް ބެލުމެއްނެތިއެވެ. ބަރިބަރިއަށް އެ އަނގަ ތެރޭގައި ހުރި ދަތްތަކުގެ ތޫނުކަމާއި އެދެލޮލުގެ ބިރުވެރިކަން ފެނި ޒީނާ މޮޔަ ނުވީ ކިރިޔާއެވެ.

ކޮޓަރިއަށް ވަންނަން ދޮރު ހުޅުވި ނަމަވެސް ކޮޓަރިއަށް ވަންނަންވެސް ނުކެރުނެވެ. ޒީނާއަށްވުރެ ކުރިން ކޮޓަރިއަށް ވަދެ ހުރީ އެ އެއްޗެވެ. އޭރު ބަރްޝާހުރީ ކޮޓަރި ދޮރުމަތީގައި މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިކޮށްގެންނެވެ. ބޯ އެއްފަރާތަށް އަރިކޮށްލައިގެންނެވެ. ބަރްޝާގެ މޫނުގެ އެއްފަޅި ވަނީ އަނދާފައެވެ. ބަރްޝާ ޒީނާއާއި ދިމާއަށް އަތްދިއްކޮށްލިއެވެ. ތިމަންނާގެ އަތުގައި ހިފާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ޒީނާއަށް ބޭއިހްތިޔާރުގައި އެ އަތުގައި ހިފާލެވުނެވެ. ބަރްޝާގެ ދެލޮލަށް ބަލަން ހުރި ޒީނާ ހީވަނީ މަސްތެއްވެފައި ހުރި ހެންނެވެ. އެހެން ދިމާއަކަށް ބެލުމެއްނެތި ބަރްޝާގެ އަތުގައި ހިފައިގެން ކުރިއަށް ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައިރު ޒީނާގެ އަމިއްލަ އެއްވެސް ބާރެއްނެތްފަދައެވެ. ބަރްޝާގެ އަތުގައި ހިފައިގެން ގޮސް ޒީނާ އިށީނީ ލޯގަނޑު ކުރިމަތީގައެވެ. މަޑުމަޑުން ޒީނާގެ އަތުން ދޫކޮށްލުމަށްފަހުގައި ބަރްޝާ ޒީނާގެ ބޮލުގައި އަތްކާއްތާލިއެވެ. ޒީނާގެ ބޮލުގައި ޖަހާފައިވާ ހުޅި މަޑުމަޑުން މޮހާލިއެވެ. އެއަށްފަހު އަމިއްލަ ބޮލުން ކިނބިމާތަށް ނައްޓާ ޒީނާގެ އިސްތަށިގަނޑުގައި ހަރުކުރަމުން ދިޔައެވެ. އޭރުވެސް ހަރަކާތް ހުއްޓިފައި ޒީނާއިނީއެވެ. ވަމުންދާ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވާ ހާލުގައެވެ. އެ ބިރުވެރިކަމުން ސަލާމަތްވުމަށް އެހީއަށް އެދިގޮވަންވެސް ނުކުޅެދިފައެވެ. 

ނުނިމޭ

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ