މެންޗެސްޓާރ ޔުނައިޓެޑް ފޯމުގައި ކުޅެފިނަމަ ކޮންމެ ބަޔަކުވެސް ބަލިކުރެވިދާނެކަމަށް އެކްލަބުގެ ޑިފެންޑަރު ހެރީ މެގުއާޔަރ ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ރޭ ބާންލީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެގުއާޔަރ ބުނީ، ޔުނައިޓެޑް ރަނގަޅު ފޯމެއްގައި ކުޅެފިނަ ކުރިމަތިލާ ކޮންމެ ޓީމެއްވެސް ބަލިކުރުމުގެ ޤާބިލްކަން އެބަހުރިކަމަށާއި، އެހެންނަމަވެސް ނިމިގެން މިދާ އަހަރު އެއްލެވެލްގައި ހިފަހައްޓާލެވިފައިނުވާއިރު ބައެއް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާކަމަށެވެ.
ޓާފް މޫރްގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ބޮޑުބައި ޔުނައިޓެޑުން ކޮންޓްރޯލްކޮށްފައިވާއިރު، ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައެވެ. ބާންލީ ޑިފެންޑަރު ޓެއިލަރއަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޕެރެއިރާ ދިން ޕާހަކުން މާޝިއާލް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ބޯޅައާއެކު އޭރިއާތެރެއަށް ވަނުމަށްފަހުގައެވެ.
ޔުނައިޓެޑްގެ ދެވަނަ މެޗުގެ ފެނިގެން ގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ރަޝްފޯޑެވެ. ރަޝްފޯޑު މިލަނޑު ޖަހާފައިވަނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހުގައެވެ. މިއީ މިސީޒަންގައި ރަޝްފޯޑް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ. ރޭގެ މެޗުގައި ކާމިޔާބުކޮށްދިން ލަނޑާއެކު ރަޝްފޯޑުވަނީ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނައަށް ޖެހިލާފައެވެ. 17 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި އޮތީ ލެސްޓާގެ ޖެމީ ވާޑީއެވެ.
ޔުނައިޓެޑް ކޮޅަށް ލަނޑެއް ނުވަދެ ރޭގެ މެޗު ނިންމާލާފައިވާއިރު، މިއީ މިސީޒަންގައި އަމިއްލަ ކޮޅަށް ލަނޑެއް ނުވަދެ ޔުނައިޓެޑަށް ނިންމާލެވުނު ތިންވަނަ މެޗެވެ.
ރޭގެ މޮޅާއެކު ގަދަ ހަތަރަކާއި ކައިރިއަށް ޔުނައިޓެޑްވަނީ ޖެހިލާފައެވެ. ޔުނައިޓެޑުންވަނީ އެންމެފަހުން ކުޅުނު 6 މެޗުން 13 ޕޮއިންޓް ހޯދާފައެވެ. 31 ޕޮއިންޓާއެކު ޔުނައިޓެޑަށް ތާވަލްގެ ފަސްވަނަ ލިބޭއިރު، ހަތަރު ވަނާގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.




