މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުވައްމުލަކު، ދިގުވާޑު އަވަށު ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރ 27 ވަނަ ދުވަހުގެ 04:10 އެހާކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން އެމީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާރު ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



