ޖިއޯވޭވްގެ ހަދިޔާއެއް ދިއްފުއްޓަށް

މާލެ އަތޮޅު ދިއްފުއްޓަކީ އުމްރާނީގޮތުން ރަށުގެ ފެންވަރުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. އެރަށް ތަރައްޤީ ކުރުމަށް ހަވާލުވެ އޮތް ދިއްފުށީ ކައުންސިލުންވެސް އެ ޒިންމާ އަދާކުރުމުގައި ހިތްވަރާއެކު ކުރަމުންދާ މަސައްކަތް ރަށުގެ މަލަމަތިންވެސް ފެންނާން އެބަހުއްޓެވެ.

ދިއްފުށީ ރައްޔިތުންނަށްޓަކައި، އަދި ވަކީން ހާއްސަކޮށް ރަށުގެ ޒުވާނުންނަށްޓަކައި ދިއްފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރަމުންދާ ސްޓޭޖް އިމާރާތަކީ ފެންނާންހުރި ތަރައްޤީއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެ އިމާރާތް ނިންމުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެރަށު ކައުންސިލުން އެދަނީ ވަރުބަލިކަމެއްނެތި ކުރަމުންނޭ ބުނެވިދާނެއެވެ.

ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ހުސައިން އަފީފުގެ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން އެރަށުގައި އަޅަންފެށި ސްޓޭޖް އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ އިތުރުން ވެލިގާ ހާޑްވެއަރ އިން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު ދިއްފުށީ ކައުންސިލުންވެސް ވަނީ މި އިމާރާތަށް މާލީ ޚަރަދުތަކެއް ކޮށްފައެވެ.

ހިލޭ އެހީގެ ދަށުން ފެށި ސްޓޭޖް އިމާރާތަށް ކައުންސިލުން ޚަރަދުކޮށްގެން އިތުރު ފްލޯއެއް އިތުރުކޮށްފައިވާއިރު، މިއަދަކީ ދިއްފުށީ ކައުންސިލުން ކުރަމުންދިޔަ އުއްމީދުތަކުގައި އިތުރު ކުލައެއް ޖެހި ފިނިކަމެއް ގެނުވި ދުވެހެކެވެ. ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑް އިން މިވަނީ، ދިއްފުށީ ކައުންސިލުން ކުރަމުންދިޔަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކައުންސިލަށް އެހީތެރިވެފައެވެ.

އެގޮތުން ދިއްފުށީ ސްޓޭޖް އިމާރާތް ކުރަމުންދާ ސަރަހައްދުގައި އިއްޔެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖިއޯވޭވް އިން ވަނީ ފަސް އޭސީގެ އިތުރުން ސްޓޭޖްގެ ދެ ރޫމަށް ބޭނުންވާ ފަރުނީޗަރުވެސް ދިއްފުށީ ކައުންސިލަށް ހަދިޔާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޖިއޯވޭވް އިން ހަދިޔާކުރި ތަކެއްޗާ ދިއްފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެމްބަރުން ހަވާލުވެލައްވާފައިވާއިރު، ޖިއޯވޭވްގެ ފަރާތުން މި ތަކެތި ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފާރިސް އަޙްމަދުއެވެ.

ޑީސަލް އަދި ޕެޓްރޯލްގެ ވިޔަފާރީގެ އިތުރުން ހެވީ މެޝިނަރީޒް ކުއްޔަށް ދިނުމުގެ ވިޔަފާރީގައި ކުރިއަރަމުން އަންނަ ޖިއޯވޭވް އިން ދިއްފުއްޓަށް އައުޓްޑޯރ ޖިމްއެއްގެ ސާމާނުވެސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ