ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލައްޤައްޔޫމް އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައިކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު، މިނިސްޓަރީ އޮފް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞޯލިޙް ވިދާޅުވެއްޖެއެވެ.
ޢަލީ ޞޯލިޙް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ޔާމީން އޮންނަން ޖެހޭނީ ހަމަ ޖަލުގައި" ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞޯލިޙް މިހެން ވިދާޅުވިއިރު، ޖުމްހޫރީ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑު ގޮވާލަން ބޭނުންވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާނުވާ ޖަހާފައި ޖަލުގައި ނުބޭންދޭނޭ. ދޫކޮށްލައްވާށޭ މިހާރުން މިހާރަށް." ޤާސިމް އިބްރާހީމް ރޭ ވިދާޅުވެފައިވެއެވެ.
ޤާސިމް ރޭ އިތުރަށް ވިދާޅުވީ، އަނިޔާވެރި ނުވާނަމޭ ކިޔައިގެން، އެތޮފި އަޅައިގެން ތިބެގެން ޢަބްދުﷲ ޔާމީން އެހެން ޖަލަށް ލައިގެން ނުބޭންދޭނެ ކަމަށާއި، ޢަދުލު އިންސާފު ލިބެންޖެހޭނީ ހުރިހާ މީހުންގެ މައްޗަށްވެސް ހަމަހަމަކޮށް ކަމަށެވެ.
އެފަދަ ގޮތަކަށް ޖޭޕީގެ ތަރުޖަމާނު ވާހަކަފުޅު ދައްކަވާފައިވާ އިރު، އެކަމަށް ގިނަ ބަޔަކު ވަނީ ކޮމެންޓްތަކުގައި ފާޑު ކިޔާފައެވެ. ހާއްސަކޮށް ޕާޓީގެ ލީޑަރު ވިދާޅުވި އެއްޗަކާ މުޅިން ހިލާފަށް ތަރުޖަމާނު ވާހަކަ ދެއްކެވުމުން އެކަމަށް ގިނަ ބަޔަކު ވަނީ ފާޑު ވިދާޅުވެފައެވެ.