ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ރަޝްފޯޑު ބޭނުންވޭ

އިންގްލޭންޑްގެ މެންޗެސްޓާރ ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންކަމަށް އެކްލަބުގެ ކުރިއަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު ބުނެފިއެވެ.

ޔުނައިޓެޑްގެ ކުޅުން މިހާރުވެސް ރަނގަޅު ވަމުން އަންނަކަން އިޙްސާސްވަމުން އަންނަކަމަށް އުމުރުން 22 އަހަރުގެ ރަޝްފޯޑު ބުނެފައިވާއިރު، ޕްރިމިއާ ލީގުގައާއި ޗެމްޕިއަންސް ލީގުގައި ވާދަވެރި ޓީމަކަށް ޔުނައިޓެޑް އަދި ވެގެންދާނެކަމަށްވެސް އޭނާ ޤަބޫލުކުރެއެވެ.

"ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގުވެސް އަދި ޕްރިމިއާ ލީގުވެސް ކާމިޔާބުކުރަން ބޭނުން." ރަޝްފޯޑު ބުންޏެވެ.

މީގެއިތުރުން ރަޝްފޯޑު ބުނީ، ޔުނައިޓެޑްގެ މިސްރާބު މިހާރުހުރީ ރަނގަޅު ދިމާލަކަށް ކަމަށާއި، ބޭނުންވަނީ ކާމިޔާބީއާއި ހަމައަށް ވާޞިލްވެވެންދެން ކެތްތެރިކަމާއެކު ކުޅުން ރަނގަޅު ކުރަމުން ގެންދިއުމަށް ކަމަށެވެ.

އެލެކްސް ފާގަސަންގެ ދުވަސްވަރު މެންޗެސްޓާރ ޔުނައިޓެޑަކީ ޕްރިމިއާ ލީގުގައާއި ޗެމްޕިއަންސް ލީގުގައި ގަދަ ބާރެކެވެ. އެގޮތުން ފާގަސަން އިރުޝާދުގެ ދަށުން ޔުނައިޓެޑް 13 ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގެ ތަށި ދެފަހަރެއްގެ މަތިން އުފުލާލާފައިވެއެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގު ތާވަލްގެ ފަސްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ