އުމުރުން 116 އަހަރުގެ ޖަޕާން އަންހެނެއް ދުނިޔޭގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާގެ ޖާގަ ދުނިޔޭގެ ރިކޯޑް ފޮތުން ހޯދައިފިއެވެ.
"ކޭން ޓަނާކާ" އަކީ، މިވަގުތު ދުނިޔޭގައި ދިރިއުޅެމުންދާ އުމުރުން އެންމެ ދުވަސްވީ މީހާކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ، އޭނާ ދިރިއުޅެމުންދާ ޖަޕާންގެ ސިޓީ އެއްކަމަށްވާ "ފުކުއޯކާ" ގައި ހުންނަ ނާރސިން ހޯމް އެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއޔާތުގައި ސިޓީގެ މޭޔަރ ގެ އިތުރުން ޓަނާކާގެ އާއިލާ މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
2 ޖަނަވަރީ 1903 ވަނަ އަހަރު އުފަންވެފައިވާ ޓަނާކާ އަކީ އެ އާއިލާއަށް އުފަންވި 8 ކުދިންގެ ތެރެއިން 7 ވަނަ ކުއްޖާއެވެ.
ޓަނާކާ އޭނަގެ ފިރިމީހާ "ހިޑިއޯ ޓަނާކާ" އާއި ކައިވެނިކޮށްފައިވަނީ 1922 ވަނަ އަހަރުއެވެ. އަދި މިދެމަފިރިންގެ ކައިވެންޏަށް 4 ކުދިން ލިބިފައިވާއިރު، 5 ވަނަ ކުއްޖާއަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ.
އުމުރުން 116 އަހަރު ގެ ޓަނާކާ ހުސްވަގުތު އެންމެ ކުރާހިތްވާ ކަމަކީ، ހިސާބު ދަސްކުރުމާއި އަދި ބޯޑް ގޭމްސް ކުޅުމެވެ.
މިއަހަރު އުމުރުން އެންމެ ދުވަސްވީ މީހާގެ ރިކޯޑް ޖަޕާންގެ އަންހެނަކަށް ލިބިފައިވާއިރު، އެންމް ފަހުންވެސް ދުނިޔޭގެ ރިކޯޑް ފޮތުން މި ޖާގަ ހޯދީ އުމުރުން 117 އަހަރުގައި މަރުވި ޖަޕާންގެ އަންހެނެއްކަމުގައިވާ "ޗިޔޯ މިޔަކޯ" އެވެ.
ޖަޕާންގެ ރައްޔިތުންނަކީ، މަސް، ބަތް އަދި ތަރުކާރީ ކެއުމުގެ އާދަކާދަ ގެންގުޅޭ ބަޔަކަށްވާއިރު، އެމީހުންނަކީ އަބަދުވެސް އުމުރުން 80 އަށް ވުރެ މަތިވުމުން ސިއްހަތައް ހާއްސަގޮތެއްގައި ބަލައިގެން އުޅޭ ބައެކެވެ.
މިހާތަނަށް ދުނިޔޭގައި އުމުރުން އެންމެ ދުވަސްވަންދެން ދިރިއުޅުނު އުމުރުން އެންމެ ބޮޑު މީހަކީ، އުމުރުން 122 އަހަރުގެ ފްރެންޗް އަންހެނެކެވެ.
ހިޔާލު
މިހާތަނަށް ދުނިޔޭގަ އުޅުނު އެންްމެ ދުވަސްވީ މީހާގެ އުމުރަކީ 122 އަހަރެއް ނޫން. ނޫޙުގެފާނު ދީނަށް ގޮވާލައްވަންވެސް އުޅުއްވި 950 އަހަރު. އަދި ކޮބާ އެކަލޭގެފާނުގެ އުމުރުފުޅު؟
ކޮމެންޓް ކުރުން ބަންދު