"ޔަޤީންތަ އެއީ ހުވަފެނެއްކަން؟ ނޫނީ ތީ އަނެއްކާ ޒީވާ ބޭނުންވާ ކަމަކީތަ؟" ޝައްކުގެ ނަޒަރަކުން ޒީވާއާ ދިމާއަށް ބަލާލަމުން އަހަރެން އެހީމެވެ. އަހަރެން އެހެން ބުނީ ޒީވާ ހެއްވާލުމުގެ މަޤުސަދުގައާ އެކުގައެވެ.
"ނޫން! އެއީ ހަމަ ސީދާވާނެ ހުވަފެނެއް. ބަލަން ހުންނައްޗޭ!" އަޑަށް ބާރުލާފައި ވަރަށް ސާބިތުކަމާއެކު ޒީވާ ބުނެލިއެވެ.
ކަން ވީ ޒީވާ ބުނި ގޮތަށެވެ. ކާސިމްބެގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ރަށު ވަލު ފަރާތު ގޮނޑުދޮށުންނެވެ. ކާސިމްބެއަކީ ކޮންމެ ދުވަހަކު ފަތިސް ނަމާދުކޮށްގެން އިރުއަރާ ގަޑިއަށް މޫދުގައި ފަތަންދާ މީހެކެވެ. ކާސިމްބެގެ އަނގައިން ފާޑެއްގެ ފޮނުތަކެއް ނުކުމެފައި ހުއްޓެވެ. ކަރުގައި ނޫފައިގެންފައިވާ ނިޝާންތަކެއްވެސް ހުއްޓެވެ. އެހެންކަމުން މީހަކު ކާސިމްބެއަށް ހަމަލާދީފައި ހުރިކަމަށް އެއްބަޔަކު ކިޔެވެ. ނަމަވެސް އަނެއްބަޔަކު ބުނީ ކާސިމްބެ މަރުވެފައި އޮތީ މޫދަށް ގެނބިގެންކަމުގައެވެ.
ކާސިމްބެގެ ޖަނާޒާގެ ކަންތައްތަކުގައި އަހަރެމެންވެސް އެ ޢާއިލާއާއެކު ވީވަރަކުން އެހީތެރިވެދީ ހެދީމެވެ. އަވަށްޓެރިންގެ ހައިސިއްޔަތުންނެވެ. ހުރިހާ ކަމެއް ނިމިގެން ގެއަށް އައުމަށްފަހު ޒީވާގެ ފަރާތުން ފެނުނީ ދުވަހަކުވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ. ހީވީ އޭނާއަށް ކަމަކުން ކާމިޔާބެއް ލިބުނުހެންނެވެ. އަނގަ ހުއްޓާނުލައެވެ. ކަމަކާނުލާވެސް ހިނިތުންވެފައި އިނދެއެވެ. ޖެހިގެން ހުރިގޭ ބުޅާ މަރުވި ދުވަހުވެސް ޒީވާ އުޅުނީ ހަމަ އެފަދަ ގޮތަކަށެވެ. ދަރިފުޅު ވަކިވެގެން ދިއުމަށްފަހު ފެންނަ ހުވަފެންތައް ސީދާވުމަކީ މިހާރު އޭނާގެ ޙަޔާތުގައި އެންމެ މުހިންމު ކަންތަކޭ އަހަރެންގެ ހިތަށް އަރައެވެ.
ޒީވާ އުޅޭ ގޮތުން އަހަރެން ހިތް ބިރުގަންނަގޮތްވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މީހަކު ނޫނީ ބުޅަލެއްފަދަ ޖަނަވާރެއް މަރުވެގެން އެހާ އުފާވެގެން އުޅުން އެއީ ސިކުނޑި ހަމަޖެހޭ މީހަކު ކުރާނެ ކަމެއް ހެއްޔެވެ؟ ނަމަވެސް އެއީ ޒީވާ އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އޭނާއަށް ފެންނަ ހުވަފެނެއްވިއްޔާ އެބަ ސީދާވެއެވެ.
ދެންވެސް ވީ ހީ ނުކުރާފަދަ ކަމެކެވެ. އެއްރެއެއްގެ ހުވަފެނުގައި ޒީވާގެ މަންމަ ޒީވާއަށް ގުޅައިގެން ވަރަށް އުފާވެގެން އުޅޭތީ ފެނުނެވެ. އެއީ އަދި އަހަރެމެން ކައިވެނިކޮށްގެން މިވީ ހަތްވަރަކަށް އަހަރުތެރޭވެސް ނުވާ ކަމެކެވެ. އެ ހުވަފެނަކީ ސީދާވާން އެންމެ ބޭނުންވާ ހުވަފެންކަމުގައި ޒީވާ އަހަރެން ގާތުގައި ބުންޏެވެ. އޭނާ އެކަމަށް އެދޭވަރު އެއްވެސް ޙާލެއްގައި އަހަންނަށް އޮޅިފައެއް ނެތެވެ. މަންމަމެން ގުޅުން ކަނޑާލުމުން އެކަމާ ޒީވާ ކަރުނައެޅިވަރު އެންމެ ކައިރިން ފެނިފައި ހުރީ އަހަންނަށެވެ.
އެންމެ ފަހުން އެކަންވެސް ސީދާވިއެވެ. ހަތް އަހަރު ފަހުން ޒީވާގެ މަންމަ ޒީވާއަށް ގުޅި ދުވަހު ހިތާމައާ އުފާ އެކުވެގެން ޒީވާގެ ލޮލުން ކަރުނަ ފޭބި މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ އަންނާނެއެވެ. އަހަންނަށްވެސް ރޮވުނެވެ. އެދުވަހު ޒީވާ މަންމައާ ވާހަކަ ދައްކަން އެއްގަޑިއެއްހާއިރު ހޭދަކުރިއެވެ. މިހާތަނަށް ވީ ހުރިހާ ކަމެއްހެން ޒީވާ މަންމައާ ހިއްސާކުރިއެވެ. މިޝާގެ ވާހަކައެވެ. އަހަރެންގެ ހެޔޮ ވާހަކައެވެ. މަންމަމެން ހަނދާންވެގެން ރުއި ވާހަކައެވެ.
ޒީވާއަށް ފެންނަ ހުވަފެންތައް ސީދާވުމަކީ އާދައިގެ ކަމެއް ނޫނެވެ. ރަނގަޅު ކަމަކަސް، ގޯސް ކަމަކަސް ޒީވާ އެކަންކަން ސީދާވާން އެދޭވަރު އެނގެނީ ޚުދު އަހަރެންނަށެވެ. މީހަކަށް އެވާހަކަތައް ކިޔައިދީފިނަމަ އެއީ ޒީވާ އަމިއްލައަށް ކުރާ ކަންތައްތަކޭ ވެސް ހީކޮށްފާނެއެވެ. ސަބަބަކީ ޖެހިގެން ހުރި ގޭ ބުޅަލަކީ އަހަރެމެންގޭ ބޭރުގައި މަސްކޮޅެއް އަވީލީ ކޮންމެ ފަހަރަކު އެއަށް ހަމަލާދިން އެއްޗެކެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ޒީވާ އަހަރެން ކައިރީ ޝަކުވާކުރީ އެންމެ ދުވަހަކު، ދެދުވަހަކު ނޫނެވެ. އޭގެ އިތުރުން ކާސިމްބެއަކީ އެއްފަހަރު އަހަރެމެންގެ ދަރިފުޅު މިޝާއާވެސް ދިމާކޮށްލި މީހެކެވެ. މި ސަބަބުތަކުގެ އިތުރުން ފެންނަ ހުވަފެންތައް ސީދާވުމަކީ ޒީވާއަށް ޤުދުރަތުން ލިބިފައިވާ ހަދިޔާއެއްކަމުގައި ދެކި އެކަމާ އުފާވެ ފަޚުރުވެރިވުންވެސް އެގޮތަށް ވިސްނުމަށް މަޖުބޫރުކޮށްފާނެއެވެ.
ނަމަވެސް ޒީވާއަކީ އޭނާގެ އުފަލަށްޓަކައި މީހަކަށް ދެރައެއްދޭނެ މީހެއް ނޫނެވެ. އެކަންވެސް އެންމެ ރަނގަޅަށް އެނގެނީ އަހަންނަށެވެ. އެއީ އަހަރެން މިދުނިޔެމަތީގައި އެންމެ ލޯބިވާ ފަރާތެވެ. އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަރެން ޒީވާދެކެ ލޯބިވެއެވެ. ޒީވާ ބޭނުންވާ ކަމެއް އަހަރެން ކައިރީ ބުނަން ޖެހޭނީ އެންމެ ފަހަރަކުއެވެ. އަހަންނަށްވީ ގޮތަކަށް، ކުރެވުނު މިންވަރަކަށް އަހަރެން އެކަމެއް ކޮށްދޭނަމެވެ. މިޝާ ވަކިވުމަށްފަހު ފެނުނު ހުވަފެންތައް ސީދާކޮށްދިނުމަށް އަހަރެން ކަންތައްކުރި ފަދައިންނެވެ.
ޖެހިގެން ހުރި ގޭ ބުޅާ މެރުމަށް އަހަރެން އެއަށް ދިނީ ފެނެވެ. އެ ފެނަށް އެޅީ ނިދާ ބޭހުގެ ދިހަ ގުޅައެވެ. ކާސިމްބެ މޫދުގައި އޮއްވާ ކަރުގައި ހިފީ އަންގި ލައްވާފައި އޮތް އަހަރެންގެ މި ދެއަތުންނެވެ. އެގޮތުގައި ހިފަހައްޓާލަން ޖެހުނީ ކުޑަ ހިނދުކޮޅަކުއެވެ. އޭގެ އިތުރުން ޒީވާގެ މަންމައަށް ގުޅާފައި ޒީވާއަށް ގުޅުމަށް އާދޭސްކުރީވެސް ޚުދު އަހަރެންނެވެ. އަދި އަހަރެން ގުޅި ވާހަކަ ޒީވާ ކައިރީ ނުބުނުމަށްވެސް އެދުނީމެވެ. އެކަންކޮށްދިނުމަށްޓަކައި މަންމަގެ ފައިދަށަށް ވެއްޓި ސަލާން ޖަހަން ޖެހުނުނަމަ އެކަންވެސް އަހަރެން ކުރީހެވެ.
އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ޒީވާގެ ތުންފަތުން އެ ފެންނަ ހިނިތުންވުން ފިލާ ނުގޮސް ބެހެއްޓުމަށްޓަކައި މިގޮތުގައި އަހަރެން ހުންނާނަމެވެ. މިހާތަނަށް އަހަރެން މި ކޮށްދިން ހުރިހާ ކަމެއް އެއްކޮށްލިޔަސް ޒީވާ އަހަރެންގެ ޙައްޤުގައި ވެފައިވާ ޤުރުބާނީގެ އަގުގެ ކުޑަ މިންވަރެއްވެސް އަދާކޮށްދެވުނުކަމަކަށް އަހަރެން ނުދެކެމެވެ.
(ނިމުނީ)
ނޯޓް: މިވާހަކައިގެ މައިގަނޑު ހާދިސާ ނެގިފައިވަނީ ލިޔުންތެރިޔާ އަބީސޭކް ބާސޫގެ "މައި ވައިފް ވޯޒް އަ ސައިކިކް ފޮރ އަ ޝޯޓް ވައިލް" އިންނެވެ.



