އަލަށް ލައިސަންސް ނަގާއިރު، ފުލުހުން ދޭ ތަމްރީނެއް ފުރިހަމަ ކުރަންޖެހެނީ

އަލަށް އެއްގަމުގައި ދުއްވާ އުޅަނދު ފަހަރަށް ލައިސަންސް ދޫކުރާ އިރު، ފުލުހުން ދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފިއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މަގުމަތީގެ ރައްކާތެރި ކަމަށް މި އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް އެ މިނިސްޓްރީއިން ރާވާފައިވާ ކަމަށާއި އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރާއިރު މިނިސްޓްރީއިން ދޭ ޓެސްޓުގެ އިތުރުން ފުލުހުން ދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.

މިހާރު ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާކަށް ނުޖެހޭނެ ކަމަށާއި މި ތަމްރީނު ފުރިހަމަ ކުރަން ޖެހެނީ އަލަށް ލައިސަންސް ހައްދާ ފަރާތްތަކަށް ކަމަށްވެސް މިނިސްޓަރު ނަހުލާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ މަގުސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ.

"އޭގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އެމީހަކަށް ނޫނީ އެބަޔަކަށް އެކަމަށް ވިސްނަން މަޖުބޫރު ކުރުވާނެ. ހާއްސަކޮށް މިކަން ކުރުމުގެ މަގްސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށްފައި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ވާނެ ކަމަށް." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން މި އަހަރު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ވެހިކަލްތަކުގައި ނަމްބަރު ޕްލޭޓް ޖެހުމަށްވެސް މި އަހަރު ނިންމާފައިވާ ކަމަށް މިނިސްޓަރު ނުހުލާ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން ގެއްލޭ ސައިކަލު ތަކާއި ވެހިކަލްތަށް ހޯދަން ފަސޭހަވެގެންދާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ