2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތީޚާބު އަދި 2020 ގެ ރަށު ކައުންސިލްގެ އިންތިޚާބަށް ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ޖުމްހޫރީ ޕާޓީން ލައިވް މީޑިއާގައި ޢާއްމުކޮށްފިއެވެ.
ކޯލިޝަން އެގްރީމަންޓް ޖުމްހޫރީ ޕާޓީން ޢާއްމުކުރެއްވީ ޖޭޕީގެ މައި އޮފީސް މ. ކުނޫޒް ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުޙައްމަދު ޖަމީލް އަޙްމަދެވެ.
ޖުމްހޫރީ ޕާޓީން ޢާއްމުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ 24 ވަނަ ދުވަހު ސިޔާސީ ލީޑަރުން ވެވަޑައިގަތް އެއްބަސްވުމާއި، 2018 ޖުލައި 12 ވަނަ ދުވަހު ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން ވަކިވަކިން ވެވަޑައިގަތް އެއްބަސްވުމެވެ.
ޖޭޕީން ޢާއްމުކުރި އެއްބަސްވުންތަކަށް ބަލާއިރު، ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކު، މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މަޢުމޫން ކަނޑައަޅުއްވާ ބޭފުޅަކަށް ދިނުމަށް އެއްބަސްވެފައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ މަޤާމްތަކާއި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، 2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 40 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 25 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތައިގެ އިތުރުން ރައީސް މަޢުމޫނުގެ ބޭފުޅުންނަށް 20 އިންސައްތަ ވާގޮތަށް ބަހަން އެއްބަސްވެފައިވެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ، އެއްބަސްވުންތަކާ ޖުމްހޫރީ ޕާޓީން ޚިލާފު ނުވާކަމަށާއި، އެއްބަސްވުންތަކާ ޚިލާފަށް ނިންމުންތައް ނިންމެވީ އެމްޑީޕީން ކަމަށެވެ.