އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ވެރިކަމުގެ ފަސް އަހަރު ނިމެންދެން މަޑު ނުކުރެވޭނެކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ޤާސިމް އިބްރާހީމް ކައިރީގައި ވިދާޅުވިކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"ރީތިކޮށް ސާފުކޮށް ބުނިވެސްމެ އަޅުގަނޑުމެން ކައިރީގައި ތިމަންނަ ބޭނުންވަނީ އެހެންނޭ، ތިމަންނައަކަށް 5 އަހަރު ވަންދެން ނުހުރެވޭނޭ. އަޅުގަނޑު ކައިރީގައި ބުނި އަޅުގަނޑަށް ފޯނުކޮށްފައި ދެއްކި ފޯނު ކޯލެއްގައި. އަޅުގަނޑު ބުނިން އެހެން ނުހައްދަވާށޭ، އެއްގޮތަކަށްވެސް އެކަން ޤަބޫލުކުރާ ގޮތެއްނުވި." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވީ، މި ސަރުކާރު ވައްޓާލަން ރާވާނެ ކަމަށާއި، އެ ރޭވުންތަކުގެ އަޑީގައި ހުއްޓަސް ހުންނަވާނީ ރައީސް ނަޝީދު ކަމަށެވެ.
"މި ސަރުކާރުވެސް ހަލާކު ކޮށްލުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްވެސް ވައްޓާލުމަށް ރާވާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނާނީ ރަނގަޅަށް ވިއްޔާ އޭނަ (ރައީސް ނަޝީދު). އަޅުގަނޑު އަދި ކަމެއް ކުރާކަން އެނގިގެނެއް ނޫން މިހެން މިދެންނެވީ، ހަމަޤައިމުވެސް ނުކޮށެއް ނުހުންނާނެ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސްކަން ހޯއްދަވަން ކަމަށެވެ. އެއަށްފަހު ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރުޅާލަ އެ އުޅުއްވަނީ ވަކިކަމެއް ހާސިލް ކުރައްވަން ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"ބަރުލަމާނީއަކަށް ބަދަލުވުމުން އޭނަ އަމިއްލައަށް ޕްރައިމް މިނިސްޓަރަކަށް ވާންވެގެން އުއުޅުއްވަނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، ބަޣާވާތް ކުރެއްވީވެސް ނަޝީދު ކަމަށާއި، ދެންވެސް ބަޣާވާތެއް ކުރިއްޔާ ކުރައްވާނީ ނަޝީދު ކަމަށެވެ.




