މެންޗެސްޓާ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އެކްލަބުގައި މަޑުކުރަން ބޭނުންނުވާކަމަށް ކުރިން ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު ޕައުލް ޕާކާރ ބުނެފިއެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޔުނައިޓެޑަށްވެސް ބައެއް ބަދަލުތައް އަންނާނެކަމަށް ރިޕޯރޓްތައް ބުނާއިރު، ޕޮގްބާގެ ބަދަލުގައި ޔުނައިޓެޑުން ރަނގަޅު ކުޅުންތެރިއަކު ވީހާވެސް އަވަހަކަށް ހޯދުމަށްވެސް ޕާކާރ އެދުނެވެ.
ޕާކާރ ބުނެފައިވަނީ އުމުރުން 26 އަހަރުގެ ޕޮގްބާ ޔުނައިޓެޑްގައި މިހާރު ހުރީ އެހާ ހިތްހަމަޖެހިގެން ނޫންކަމަށާއި، އެކަމާ އޭނާވެސް ހިތާމަކުރާކަމަށެވެ.
އަދި ޔުނައިޓެޑްގެ ކުރީގެ ކޯޗުންނާއި ޕޮގްބާއާއި ޖެހުނު މައްސަލަތަކުގައި ޕޮގްބާއާއި ދެކޮޅަށް ދެކުވުނު ވާހަކަތަކުގެ ސަބަބުން އޭނާ ޔުނައިޓެޑްގައި މަޑުކުރަން ވިސްނަފާނެކަމަށް ޕާކާރ ޤަބޫލެއްނުކުރެއެވެ.
ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޕޮގްބާއަށްވަނީ ތިނެއް ނުވަތަ ހަތަރެއް ހަފްތާ ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ. ޖެނުއަރީ 01 ވަނަ ދުވަހުގެ ރޭ އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު އެމެޗުގައި އާސެނަލް އަތުން ޔުނައިޓެޑް ދަށްވީ 2-0 ގެ ނަތީޖާއަކުންނެވެ.
31 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލްގެ ފަސްވަނާގައެވެ.



