މެޗަކުން ބަލިނުވެ ލިވަޕޫލް އަހަރެއް ހަމަކޮށްފި

ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދުމާއެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލިވަޕޫލް އަހަރެއް ހަމަކޮށްފިއެވެ.

13 ޕޮއިންޓްގެ ލީޑަކާއެކު ތާވަލްގެ އެއްވަނާގައި އޮތް ލިވަޕޫލް އެންމެފަހުން ބަލިވެފައިވަނީ 3 ޖެނުއަރީ 2019 ގައި ޗެމްޕިއަން މެންޗެސްޓާރ ސިޓީ އަތުންނެވެ. ލިވަޕޫލްއިން ބަލިނުވެ އަހަރު ހަމަކޮށްފައިވަނީ ކުޅުނު 37 މެޗުން 89 ލަނޑުޖަހައި 101 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްއަކީ މެޗަކުން ބަލިނުވެ އަހަރެއް ހަމަކުރި އިންގްލޭންޑްގެ ތިންވަނަ ޓީމެވެ. މީގެކުރިން އާސެނަލްއިން 49 މެޗު ހަމަކޮށް 2003-04 ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެވަނީ ނިންމާލާފައެވެ. އަދި ޗެލްސީ އޮކްޓޯބަރު 2004 ން ނޮވެމްބަރ 2005 ށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ރޭގެ މެޗު އެއްކޮށްހެން ލިވަޕޫލް ކޮންޓްރޯލް ކޮށްފައިވާއިރު މެޗުގެ 4 ވަނަ މިނަޓްގައި ލިވަޕޫލުން ލީޑު ނެގީ މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. ސަލާޙްވަނީ ޕްރިމިއާ ލީގުގައި އޭނާ ވާދަކުރި 25 ޓީމުގެ ތެރެއިން 22 ޓީމުކޮޅަށް ލަނޑު ޖަހާފައެވެ. އޭނާއަށް ލަނޑު ޖެހިފަނުވަނީ މެންޗެސްޓާރ ޔުނައިޓެޑާއި، ސްވެންސީގެ އިތުރުން އެސްޓަން ވިލާއާއި ދެކޮޅަށެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގައި ލިވަޕޫލުން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 64 ވަނަ މިނަޓްގައި މާނޭ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ސަލާޙްގެ ޕާހަކަށް މާނޭ ގޯލަށް ފޮނުވާލި ހަމަލާ ކީޕަރު ހެންޑާސަން ދިފާޢުކުރިނަމަވެސް ދެވަނަ ފަހަރަށް އެބޯޅަ ހޯދައި މާނޭވަނީ ހުހަށްހުރި ގޯލްގެ ތެރެއަށް އެބޯޅަ ފޮނުވާލާފައެވެ.

މިހާތަނަށް ކުޅުނު 20 މެޗުން 58 ޕޮއިންޓް ލިވަޕޫލް މިސީޒަންގައި ހޯދާފައިވާއިރު، ގެއްލުނީ އެންމެ ދެޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ