ޕްރައިމަރީގެ ފޯމު ބަލައިގަތުން މިއަދުވެސް ކުރިޔަށްދާނެ - އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް 2020 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދުވެސް ހުޅުވާލައިފައި އޮތްކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

އެޕާޓީން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމު ބަލައިގަތުން 03 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުވެސް އޮންނާނެކަމަށާއި އެގޮތުން ފޯމް ބަލައިގަތުން ކުރިޔަށް ދާނީ މިއަދު މެންދުރު 14:00 އިން ހަވީރު 18:00 އަށް އެމްޑީޕީ އޮފީހުގެ ފުރަތަމަ ފްލޯގައި ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއަށް ވާދަކުރުމަށް ފޯމު ހުށައެޅުމަށް ހުޅުވާލައިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 10 ވަނަ ދުވަސް ކަމުގައި އެޕާޓީންވަނީ ކަނޑައަޅާފައެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2020 ޖަނަވަރީ 31 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީން 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާއިރު، މިއިންތިޚާބްގައި އެކިދާއިރާތަކުން 982 މީހަކު އިންތިޚާބްކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ