އިބްރާހިމް ރިފްއަތު: ފޮޓޯ- އަވަސް

2019 ވަނަ އަހަރު އެއް ހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ދިނިން - އޭޖީ އޮފީސް

ނިމިިދިޔަ 2019 ވަނަ އަހަރު އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން އެކި ކަންކަމާއި ގުޅޭ ގޮތުން ޖުމްލަ 1003 ޤާނޫނީ ލަފާ ދެއްވާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން 2019 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު ވަނީ މިއަދު އާންމުކުރައްވާފައެވެ. އެގޮތުން 2019 ވަނަ އަހަރު ދައުލަތުގެ މުއައްސަސާ ތަކުން 1082 ކަމެއްގައި ޤާނޫނީ ލަފައަށް އެދިފައިވާއިރު 1003 ކަމެއްގައި ޤާނޫނީ ލަފާ އޭޖީ އޮފީހުން ވަނީ ދެއްވާފައެވެ.

ތަފާސްހިސާބު ތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 27 ބިލެއް ތަޞްދީގު ކުރުމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ވަނީ ލަފާ ދެއްވާފައެވެ. އަދި ތަފާތު އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން 354 ޤާނޫނީ ލަފާ ދެއްވާފައި ވާއިރު، އެކި ގަވާއިދުތަކާ ގުޅޭ ގޮތުން 103 ޤާނޫނީ ލަފާ ދެއްވާފައިވާކަން އެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން އުޞޫލުތަކާ ގުޅޭ ގޮތުން 52 ޤާނޫނީލަފާ ދީފައިވެއެވެ. އަދި މުޢާހަދާތަކާއި ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ 15 ޤާނޫނީ ލަފާ ދެއްވާފައި ވާއިރު އެހެނިހެން ކަންކަމާއި ގުޅޭގޮތުން 452 ޤާނޫނީ ލަފައެއް އޭޖީ އޮފީހުން ވަނީ ދެއްްވާފައެވެ.

އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި އެ އިދާރާތަކުން އެކުލަވައިލާ ގަވާއިދުތަކަކީ ޤާނޫނުތަކުގެ ދާއިރާގެ ތެރޭގައި ހެދޭ ގަވާއިދުތަކެއްތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ބެހޭގޮތުންނާއި އެ ގަވާއިދުތަކަށް ގެނެވޭ އިސްލާޙުތަކާ ބެހޭގޮތުން ޤާނޫނީ ލަފާދިނުމަކީ އޭޖީ އޮފީހުގެ މަސްއޫލިއްޔަތެކެވެ.

އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ސޮއިކުރާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މި ލިޔުންތަކާ ގުޅޭކަންކަމުގައި އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުމަކީ ވެސް އޭޖީ އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބަންޑާރަ ނައިބުގެ މަޤާމުގައި 2019 ވަނަ އަހަރު ހުންނެވީ އަލްއުސްތާޛް އިބްރާހީމް ރިފްއަތުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ