އާ އަހަރު ފެށުމާ ދިމާކޮށް، ކުރިޔަށްގެންދިޔަ "އޮޕަރޭޝަން ރިވެލި" އަދިވެސް ކުރިޔަށްދާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދަޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވެފައިވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރިޔަށްގެންދާ "އޮޕަރޭޝަން ރިވެލި" އަދިވެސް ކުރިޔަށް ދާކަމަށެވެ.
ފުލުހުން ކުރިޔަށް ގެންދާ މި އޮޕަރޭޝަންގައި އެތައްހާސް އުޅަނދަކާއި ގިނަ އަދަދެއްގެ މީހުންނެއް ވަނީ ބަލާ ފާސްކޮށްފައެވެ. މި އޮޕަރޭޝަނާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދަޅުވެފައިވަނީ މާލެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްކުރުން އިތުރުވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ފުލުހުން ގިނައިން ހަރަކާތްތެރިވާކަމަށެވެ. އަދި ޝައްކު ކުރެވޭ މީހުން ހުއްޓުވައި ސުވާލު ކުރާ ކަމަށްވެސް ފުލުހުން ވަނީ ވިދަޅުވެފައެވެ.

މީގެ އިތުރުން އާ އަހަރާއި ދިމާކޮށް ފުލުހުން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި ގިނަ ރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ 7 ތަނަކާއި، ގިނަ އަދަދެއްގެ ބަނގުރާ ވަނީ ހޯދާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އާއަހަރާއި ދިމާކޮށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕްރޭޝަންގައި ހައްޔަރުކޮށްފައިވެއެވެ.



