ލަލީގާ - އާއަހަރާއެކު ބާސެލޯނާ އަދި ރެއަލްމެޑްރިޑް ޕޮއިންޓްގެ ގޮތުން އަނެއްކާވެސް އެއްވަރު ވެއްޖެ

އާއަހަރާއެކު ބާސެލޯނާ އަދި ރެއަލްމެޑްރިޑް ޕޮއިންޓްގެ ގޮތުން އަނެއްކާވެސް އެއްވަރު ވެއްޖެއެވެ.

ސްޕެނިޝް ލަލީގާގެ މިއަހަރުގެ މެޗުތަކުގެ ކުޅުން ރޭ ފެށިފައިވާއިރު، ކުޅުނު ފުރަތަމަ މެޗުން ރެއަލްމެޑްރިޑް މޮޅުވިއިރު ބާސެލޯނާ ކުޅުނު މެޗު ޕޮއިންޓަކުން ނިންމާލަން ޖެހިއްޖެއެވެ.

މިނަތީޖާ ތަކާއެކު ބާސެލޯނާއާއި ރެއަލްމެޑްރިޑް އަނެއްކާވެސްވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ. 19 މެޗުން ދެޓީމަށްވެސް ލިބިފައިވަނީ 40 ޕޮއިންޓެވެ. ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބެނީ ފައިދާ ދެގޯލްގެ ތަފާތުންނެވެ.

ރަށުން ބޭރުގައި ގެޓަފޭއާއި ދެކޮޅަށް ރެއަލްމެޑްރިޑް ކުޅުނު މެޗު އެކްލަބުން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

ރެއަލްމެޑްރިޑްގެ ޑިފެންޑަރު ވެރޭންގެ ފަރާތުން ދެލަނޑު ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުއެވެ. މެޗުގެ 34 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ވެރޭން ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ރެއަލްމެޑްރިޑް ލީޑުގައި އޮވެއެވެ.

ލިބުނު ހިލޭޖެހުމަކުން ހުރަސްވީ ބޯޅައިއިން ވެރޭންގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑުވެސް ވެރޭން ކާމިޔާބުކޮށްފައިވަނީ ބޮލުންނެވެ.

އަދި ތިން ވަނަ ލަނޑު މޮޑްރިޗް ގޯލްކުރިމަތީ ހުހަށްހުރެ ކާމިޔާބުކޮށްދިނީ ޖޮވިޗް ދިން ޕާހަކުންނެވެ. މިއީ މެޗުގެ އިތުރު ވަގުތަގައި ފެނިގެންދިޔަ ލަނޑެކެވެ.

ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެސްޕަނިޔޯލް އާއި ބާސެލޯނާ ރޭ ބައްދަލުކުރި ކަޓަލަން ޑާބީ ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އެސްޕަނިޔޯލްއިންނެވެ. 23 ވަނަ މިނަޓްގައި ޑޭވިޑް ލޮޕޭޒް ކާމިޔާބުކޮށްދިން މިލަނޑަކީ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައިން ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އެސްޕަނިޔޯލް ކުރީގައި އޮވެއެވެ.

އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ބާސެލޯނާއިންވަނީ ދެވަނަ ހާފުގެ ކުރީކޮޅު ދެލަނޑު ޖަހައި މެޗުގެ ނަތީޖާ އެކްލަބުކޮޅަށް އަނުބުރާލާފައެވެ، 50 ވަނަ މިނަޓްގައި ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑަކުން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު ބާސެލޯނާއިން ލީޑު ނެގީ ވިޑާލް 59 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސުއަރޭޒް ހުރަހަކުން ވިޑާލް ބޮލުން ފޮވުވާލި ހަމަލާ އެސްޕަނިޔޯލްގެ ކީޕަރަށް ދިފާޢުނުކުރެވި، އަތުގައި ޖެހިފައިވަނީ ގޯލްގެތެރެއަށެވެ.

މިނަތީޖާއާއެކު ބާސެލޯނާއިން ހިތްހަމަޖައްސާލިނަމަވެސް މެޗުގެ 75 ވަނަ މިނަޓްގައި ބާސެލޯނާގެ ޑިޔޯންއަށް ދެއްކި ރަތްކާޑާއެކު ލީޑު ދަމަހައްޓަން އެކްލަބަށް އުނދަގޫވިއެވެ. ނަތީޖާއެއްގެ ގޮތުން އެސްޕަނިޔޯލްއިންވަނީ މެޗުގެ ފަހުކޮޅު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 88 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެސްޕަނިޔޯލްއަށް ކާމިޔާބުކޮށްދިނީ ވޫލެއިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ