ސުޕަރކޮޕާގެ ސެމީ ފައިނަލްގައި ހަޒާޑަށް ނުކުޅެވޭނެ

ސުޕަރކޮޕާގެ ސެމީ ފައިނަލްގައި ރެއަލްމެޑްރިޑްގެ ކުރިއަށް ކުޅެމުން އަންނަ އެޑެން ހަޒާޑަށް ނުކުޅެވޭނެކަމަށް އެކްލަބުން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހު ޕީއެސްޖީއަތުން ރެއަލްމެޑްރިޑް މޮޅުވި މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއެކު ހަޒާޑު ކުޅުމާއި ދުރުގައި ހުންނަތާ މިހާރު ހަހަފްތާ ވެއްޖެއެވެ. އަދި ސުޕަރކޯޕާގެ ސެމީ ފައިނަލަށް ހަޒާޑުގެ އަނިޔާ އެއްކޮށް ރަނގަޅު ނުވާނެކަމަށް ކޯޗު ޒިނެދިން ޒިދާންވެސްވަނީ ބުނެފައެވެ.

އަންނަ ބުދަ ދުވަހުގެ ރޭ ސައުދީ އެރޭބިއާގައި ކުޅުމަށް ހަމަޖެހިފައިވާ ސުޕަރކޮޕާގެ ސެމީ ފައިނަލްގައި ރެއަލްމެޑްރިޑް ނުކުންނާނީ ވެލެންސިއާއާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

މިފަހަކަށް އައިސް މިމުބާރާތުގައި ރެއަލްމެޑްރިޑަށް ކާމިޔާބީއާއި ހަމައަށް ދެވިފައެއްނުވެއެވެ. ވޭތުވެދިޔަ ހަސީޒަންގައި މިމުބާރާތް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކުއެވެ. މިމުއްދަތުގައި ބާސެލޯނާއިންވަނީ މިމުބާރާތް ތިންފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އަދި މިމުއްދަތުގައި އެތުލެޓިކޯ މެޑްރިޑް އެއްފަހަރު އަދި އެތުލެޓިކޯ ބިލްބާއޯ އެއްފަހަރު މިމުބާރާތްވަނީ ކާމިޔާބުކޮށްފައެވެ.

ރެއަލްމެޑްރިޑަށް މިމުބާރާތް އެންމެފަހުން ކާމިޔާބުކުރެވުނީ 2017 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ