މިދިޔަ މަސް ތެރޭގައި ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒުގެ ކޮއްކޮއެއް ގޮވައިގެން ފިލަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީ އެއްގައި ޝިމާގެ ކޮއްކޮ ގެންދަން އުޅުނީ މާމެންދޫން ލ. ގަމު މަތިމަރަދުއަށެވެ. ޑިންގީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ޝިމާގެ ކޮއްކޮއާއި ޑިންގީގައި ތިބި ތިން މީހުން މިހާރު ވަނީ މާމެންދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވިފައެވެ.
ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު ފިލަން އުޅުނު މީހުން ތެރޭގައި، ޝިމާ ގެއްލުނުއިރު ޑިންގީގައި ޝިމާއާއެކު ދަތުރު ކުރި ލ. ގަމު އިބްރާހިމް ފަޒީލް ހިމޭކަމަށް ޝިމާގެ އާއިލާއިން ވަނީ ބުނެފައެވެ.
ޑިންގީގައި ތިބީ ތިން ފިރިހެނުން ކަމަށާއި އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް މަޢުލޫމާތު ލިބިފައިވާއިރު، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ފުލުހުންގެ ވިދާޅުވީ، މިއަދު 16:00 ހާއިރު، ލ މާމެންދޫ އިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ސިކްސްތް ސެންސް ލާމު ރިސޯޓް ކައިރިން ހުއްޓުވާ ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ހިމެނޭކަން ސިމާގެ އާއިލާއިން ޔަގީން ކޮށްދީފައިވާއިރު، ފަޒީލްއަކީ ޝިމާގެ ކޮއްކޮއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. ނަމަވެސް މިއަދު އެ ގްރޫޕުން ގެންދިޔައީ ޝިމާގެ ކޮން ކޮއްކޮއެއްކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
ލ.ގަމުން ފުރައިގެން ލ.މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް 2019 ފެބުރުވަރީ 22 ވީ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލައިގެން ގެއްލުނުކަމަށް އަޑު ފެތުރިފައިވާ ޝިމާ ނާފިޒްގެ އަދި ޝިމާ އާއި ފަޒީލް ދަތުރުކުރި ޑިންގީގެވެސް އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.
ޝިމާ ހޯދުމަށް އެސަރަހައްދުގެ ކަނޑާއި، ފަޅުރަށްތަށް ފީނައިގެނާއި، ކަނޑުމަގުން އަދި ވައިގެ މަގުންވެސް ބަލާފައިވެއެވެ. އަދި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.




