ހެލްމެޓު އަޅައިގެން އައި ގްރޫޕަކުން ބިރުދެއްކުމަށްފަހު، މިއަދު ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މިއަދު ހެނދުނު ހެލްމެޓް އަޅައިގެން ދިޔަ ހަތަރު މީހުންގެ ގްރޫޕަކުން އެސްބީއައި ކުރިމަތިން ފައިސާތަކެއް ފޭރުނު މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރިގެންފައިވަނީ އެބޭންކް ކައިރިންނެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވެފައިވަނީ އެސްބީއައި ކައިރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގެންފައިވާ މައްސަލައެއް މިއަދު 09:53 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އޭނާގެ އަތުން ފައިސާ ފޭރިގެންފައިވަނީ ދެސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން، ތޫނު އެއްޗަކުން އޭނާ އަށް ހަމަލާ ދިނުމަށް ފަހުއެވެ. ހެލްމެޓް އަޅާފައި ތިބި މި ހަތަރު މީހުން ވަނީ ފުލުހުން އެސަރަހައްދަށް ދިޔުމުގެ ކުރިން ހަތަރު ފިލާފައެވެ.