ރާފުޅި ތަކާއެކު ޙައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުއްޖެއް

މިއަދު ކ. ކާށިދޫއިން ރާފުޅި ތަކާއެކު ޙައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖެއް ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލާގައި ޙައްޔަރުކުރެވުނު 17 އަހަރުގެ ކުއްޖާއަކީ ޢާއިލާއަށް ފިލައިގެން އުޅޭ ކުއްޖެއްކަމަށާއި، މިކުއްޖާ މިހާރު ޢާއިލާއާއި ޙަވާލުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއެއްޗެހި ހުރި ފުޅިތަކަކާއެކު މިއަދު ކާށިދޫއިން 4 މީހުން ޙައްޔަރުކޮށްފައިވާކަމަށާއި، އޭގެތެރޭގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭކަމަށެވެ.

17 އަހަރުގެ ކުއްޖާގެ އިތުރުން މިމައްސަލާގައި ފުލުހުން ޙައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ލަންކާ މީހެއްގެ އިތުރުން 18 އަހަރުގެ ދިވެހި އަންނެކެވެ.

މިމީހުން ޙައްޔަރުކޮށްފައިވަނީ މިއަދު 02:30 އެހާކަށްހާއިރު ކާށިދޫ ހުންނަ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމަށް އުޅުމުގެ ތެރޭގައިކަމަށް ފުލުހުން ވިދާޅުވިއެވެ. މިމީހުން ބަލާ ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެހިހުރި ދެފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލާގައި ޙައްޔަރު ކުރެވުނު ލަންކާ މީހާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ