ބުރިޖު ހުރަސްކުރަން ރިހަ ކައްކާ ތެއްޔެއް ބޮލުގައި އަޅައިގެން ދިޔަ މީހަކު ހިފަހައްޓައިފިއެވެ.
މިއަދު ހަވީރު 17:30 ހާއިރު އެ މީހާ ހިފަހައްޓާފައި ވަނީ ހައިވޭއިން ހުޅުމާލެ ފެށޭ ހިސާބުންނެވެ.
މައުލޫމާތު ލިބޭގޮތުގައި، ތެލި އަޅައިގެން ދިޔައީ ސައިކަލެއްގެ ފަހަތުގައި އިން މީހެކެވެ. އޭނާގެ ކުރީގައި އިން މީހާ ހުރީ ހެލްމެޓެއް އަޅައިގެންނެވެ.
ބެލެވޭ ގޮތުގައި އެމީހާ ތެއްޔެއް ބޮލުގައި އަޅައިގެން ގޮސްފައިވަނީ ހެލްމެޓް ނާޅާ ދުއްވުން މަނާކޮށްފައިވާތީއެވެ. ބުރިޖާއި ހައިވޭ މަތީގައި ސައިކަލު ދުއްވާއިރު ހެލްމެޓް އެޅުން މަޖްބޫރީ ރޭ މެންދަމު 12:00 އިން ފެށިގެނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.
މި ޤަވާއިދާއެކު ބްރިޖް، ރިންގް ރޯޑްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ ދެން ބުރިޖާއި ހައިވޭގައި ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށެވެ.



