ޑިސެމްބަރު މަހުގެ ލަލީގާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް ހޮވިއްޖެއެވެ.
ސުއަރޭޒް މިމަޤާމު ހޯދާފައިވަނީ މިދިޔަ ޑިސެމްބަރު ބާސެލޯނާގައި މުހިންމު ކުޅުމެއް ދެއްކުމަށްފަހުގައެވެ. އެގޮތުން ޑިސެމްބަރ މަސް ސުއަރޭޒް ފައްޓާފައިވަނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް އެސިސްޓެއް ހަދައިދެމުންނެވެ. މިމެޗުން ބާސެލޯނާ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.
އަދި ޖެހިގެން އަދި މެޗުގައި މަލޯކާއަތުން ފަސޭޙަކަމާއެކު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވިއިރު، ސުއަރޭޒްވަނީ އެމެޗުގައި އެއްލަނޑުޖަހައި އިތުރު ލަނޑެއް ޖަހަށް އެހީތެރިވެދީފައެވެ. ހަމައެގޮތަށް ރެއަލްސޮސިޑޭޑްއާި ދެކޮޅަށް ކުޅުނު މެޗުގައި ސުއަރޭޒްވަނީ އެއްލަނޑު ޖަހައި އިތުރު ލަނޑެއްޖަހަން އެހީތެރިވެދީފައެވެ.
އަދި ޑިސެމްބަރުގެ ފަހު މެޗުގައި އަލްވެސްއާއި ދެކޮޅަށް ބާސެލޯނާ ނުކުތްއިރު، އެމެޗުގައި ސުއަރޭޒް އެއްލަނޑުޖަހާފައިވާއިރު، އިތުރު ތިންލަނޑު ޖެހުމަށް އެހީތެރިވެދީފައިވެއެވެ. އެމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
އެހެންކަމުން ސުއަރޭޒް ޑިސެމްބަރު މަސް ނިންމާލާފައިވަނީ ތިން ލަނޑާއި، ހަ އެސިސްޓާއެކުގައެވެ. އަދި 2020 ވެސް އެހާމެ ރަނގަޅަށް ސުއަރޭޒް ފަށާފައިވާއިރު ފުރަތަމަ މެޗުގައި އޭނާވަނީ އެއްލަނޑު ޖަހައި އެއް އެސިސްޓް ހަދާފައެވެ. ކަޓަލަންސް ޑާބީގައި އެސްޕަނިޔޯލްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު އެމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.



