އިންޑިއާއިން ރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކެންސަރުބައްޔަށް ފަރުވާދޭ ޙާއްޞަ ހޮސްޕިޓަލްގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން އިއްޔެ މަޝްވަރާކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން މަސްވަރާކުރީ ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއިދެމެދު ސޮއިކޮށްފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތު" ގެދަށުން އެންމެހާ ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލެފައިވާ ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުގައި އިއްޔެ އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މީގެ އިތުރުން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި، ޢާއްމު ޞިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައްވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ވޯކިންގ ގްރޫޕްގައި އިސް ބޭފުޅެއްގެގޮތުން ބައިވެރިވެލެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކެޓްރީ އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެލެއްވީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ ސެކެޓްރީ މސ. ޕްރީތީ ސުދާންއެވެ. މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އަދި އިންޑިއާގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ޖޮއިންޓް ވޯކިންގ ކޮމެޓީގެ ބައްދަލުވުމުގެ ކުރިން އިންޑިއާގެ ޓީމްވަނީ އެކްޓިންގ މިނިސްޓަރ އޮފް ހެލްތު ޑރ. އިބްރާހިމް ހަސަންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.




