ގަސްދުގައި އަލިފާން ރޯކުރުމުން އޮސްޓްރޭލިޔާ އިން 24 މީހަކު ހައްޔަރުކޮށްފި

އިންސާނުންނަށާއި އެނޫންވެސް ދިރުންތަކަށް އިންތިހާއަށް ނުރައްކާވާ މިންވަރަށް އަލިފާން ރޯވެފައިވާ އޮސްޓްރޭލިޔާގެ އެކި ސަރަޙައްދުތަކުގައި ގަސްދުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި 24 މީހަކު ހައްޔަރުކޮށްފިއެވެ. މި 24 މީހުން ހައްޔަރުކޮށްފައިވަނީ އެޤައުމުގެ ނިއު ސައުތު ވޭލްސްގެ އެކި ސަރަޙައްދުތަކުންނެވެ.

އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ "އޭބީސީ ނިއުސް" އިން ބުނެފައިވަނީ މި މީހުން ހައްޔަރުކޮށްފައިވަނީ ނިމިދިޔަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންކަމުގައެވެ.

މީގެއިތުރުންވެސް، އެނޫހުން ބުނެފައިވަނީ އަލިފާނާ ގުޅިގެން ދީފައިވާ އިންޒާރުތަކަށް ނުބެލުމާ ގުޅިގެން 53 މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށްވެސް ނިންމާފައިވާކަމުގައެވެ. ހަމައެހެންމެ، ސިނގިރޭޓު ފިލްޓަރާއި އަލިފާންދަނޑި ފަދަ ތަކެތި، ހުސް ބިންތަކަށް އެއްލާލުމުގެ ސަބަބުން 47 މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ. މި ހުރިހާ މައްސަލައަކީ ނިއު ސައުތު ވޭލްސް އިން ކުރިމަތިވެފައިވާ މައްސަލަތެކެވެ.

އެޤައުމުގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން، ގަސްދުގައި އަލިފާން ރޯކޮށްފިނަމަ އަދި އަދި ގަސްދުގައި އެކަމަށް މަގުފަހިވާފަދަ ކަމެއް ކޮށްފިކަމުގައިވާނަމަ، 21 އަހަރު ދުވަހާ ހަމައަށް ޖަލުގައި ބަންދު ކުރެވިދާނެއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިއްޔެ ވިދާޅުވި ގޮތުގައި އެޤައުމުގައި އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް 24 މީހަކު ވަނީ މަރުވެފައެވެ. 2000 ގެ ހަލާކުވެފައިވާއިރު، 12 މިލިއަން ހެކްޓަރުގެ ބިން ވަނީ މުޅިން އަނދައިގެން ގޮސްފައެވެ.

ޔުނިވަރސިޓީ އޮފް ސިޑްނީ އިން އަންދާޒާ ކުރާގޮތުގައި އަލިފާނުގެ ސަބަބުން 480 މިލިއަން ޖަނަވާރު ނެތިގޮސްފައިވާނެއެވެ. އެޤައުމުގެ އިންޝުއަރެންސް ކައުންސިލުން ބުނާގޮތުގައި، މި ކަންތައްތަކުގެ ސަބަބުން ލިބުން ގެއްލުމުގެ އިންޝުއަރެންސް ކްލެއިމް، މިހާރުވަނީ 485 އެމެރިކާ ޑޮލަރަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ