މުޅި އިންޑިޔާ އާއި ދުނިޔެ ސިއްސުވާލި ދިއްލީ ރޭޕް ކޭސްގައި ކުށްވެރިވާ ހަތަރު މީހުން މެރުމަށް ދިއްލީ ކޯޓަކުން ހުކުމް ކޮށްފިއެވެ. މިއީ މި މައްސަލައިގައި އިއްވާނޭ އެންމެ ފަހު ހުކުމްކަމަށްވާއިރު، ކުށްވެރިވާ ހަތަރު ފިރިހެނުން ދަންޖެއްސުމަށް ނިންމާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހަތެއް ޖަހާއިރުއެވެ.
ދުނިޔެ ސިއްސުވާލާ، އިންޑިޔާގައި ބޮޑެތި މުޒާހަރާތަކެއް ކުރެވިގެން ދިޔަ މި އަމަލު ހިންގާފައިވަނޫ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދިއްލީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައެވެ. ރޭޕްގެ ޝިކާރައަކަށްވެފައިވަނީ އުމުރުން 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރެއްކަމުގައިވާ ޖްޔޯތީ އެވެ.
ކޯޓުން މިއަދު މި ހަތަރު މީހުން ދަންޖައްސައިގެން މެރުމަށް ހުކުމް ކޮށްފައިވާއިރު، އެފަރާތްތަކަށްވަނީ ކުށުން ބަރީއަވުމަށްޓަކައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ނުވަތަ މަޢާފަށް އެދި އެޤައުމުގެ ރައީސްއަށް އެދުމަށް މުހުލަތެއް ދީފައެވެ.
މިއަދު ކުރި މި ހުކުމާ ގުޅިގެން ޖްޔޯތީގެ މަންމަ ބުނެފައިވަނީ ހަތަރު ކުށްވެރިން ދަންޖައްސާ މަރާލުމުން އަންހެނުންނަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، ހަމައެހެންމެ، އެކަމުގެ ސަބަބުން އެޤައުމުގެ އަދުލު އިންސާފުގެ ނިޒާމަށް އޮންނަ އިތުބާރުވެސް ބޮޑުވެގެންދާނެކަމުގައެވެ.
ލާއިންސާނީ މި އަމަލާ ގުޅިގެން ޓްރޭލް ކޯޓެއްވެސް އޭރު އުފެއްދިއެވެ. އެ ކޯޓުން ވަނީ އަހަރެއްގެ ތެރޭގައި މި މައްސަލައިގެ އަޑުއެހުންތައް ބާއްވާ، ހުކުމް ކޮށް ނިންމާފައެވެ. އެހެންނަމަވެސް، މައްސަލައިގައި ގޮތެއް ނިންމުމަށް ދިގުލައިގެން ދިޔައީ އިސްތިއުނާފު ކޯޓުގެ މަރުހަލާގައެވެ.
މި ގޭންގް ރޭޕް ހިނގާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ދެކުނު އިންޑިޔާގެ ހިސާބުގަނޑެއްކަމުގައިވާ މުނީރްކާގައެވެ. ޖްޔޯތީގެ ރައްޓެއްސެއްކަމުގައިވާ އަވިންދްރަ ޕްރަތާޕް ޕާންޑޭއާއެކު ދަތުރުކުރަމުން ދަނިކޮށް މިކަން ހިނގާފައިވާއިރު، ރޭޕްކުރުމުގެ އިތުރުން، އެތައް އެހެން ލާއިންސާނީ އަނިޔާތަކެއްވެސް ދީފައިވެއެވެ.
ޖްޔޯތީގެ ނަން މީޑިޔާގައި އާއްމުކޮށްފައިވަނީ ނިރްބަޔާގެ ނަމުގައިކަމަށްވާއިރު، މި ޙާދިސާއަށް ބިނާކޮށް ޓީވީ ސީރީޒްތައްވެސް އުފައްދާފައިވެއެވެ. އެގޮތުން، ނެޓްފްލިކްސްގެ "ދިއްލީ ކްރައިމް" އަކީ މި ޙާދިސާގައި ކުށްވެރިވާ މީހުން ހޯދުމަށް ދިއްލީ ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ ސިލްސިލާއެކެވެ.