ނޭމާއަކީ ހުނަރުހުރި ކުޅުންތެރިއަކަށްވާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވާން އޭނާ ބޭނުންނަމަ ފްރާންސް ދޫކޮށް ސްޕެއިންއަށް ބަދަލުވާންޖެހޭކަމަށް ނޭމާއަށް ކުރިން ކޯޗު ކޮށްދިން އުނައި އެމެރީ ބުނެފިއެވެ.
ސްޕެއިންގެ ބާސެލޯނާއަށް ކުރިން ކުޅުނު ނޭމާ އެކްލަބު ދޫކޮށް ރެކޯޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އުންމީދުކުރިފަދަ ކުޅުމެއް ނޭމާގެ ފަރާތުން ފެނިފައިނުވާއިރު، އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ދެސީގައިވެސް ނޭމާއަށް ކުރިމަތިވެފައިވެއެވެ.
"ނޭމާގެ އުމުރުން އަދި އެންމެ 27 އަހަރު. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭފަދަ ހުނަރު އޭނާގެ އެބަހުރި." އެމެރީ ބުންޏެވެ.
މީގެއިތުރުން އެމެރީ ބުނީ، މޮޅުތި ކުޅުންތެރިން ކުޅެންވާނީ މޮޅެތި ކްލަބުތަކާއި ދެކޮޅަށް ކަމަށްވާއިރު، ނޭމާ އެނބުރި ސްޕެއިންއަށް އަންނަން ޖެހޭކަމަށެވެ.
އުމުރުން 48 އަހަރުގެ އެމެރީ އާސެނަލްގެ ކޯޗުކަމާއި ޙަވާލުވީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ސީޒަންގައި އާސެނަލްއަށް ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިފައިނުވާއިރު، މިސީޒަންގައި އާސެނަލްގެ ފަރާތުން ނުކުންނަމުން ދިޔައީ އެފަދަ ދަށް ނަތީޖާތަކަކެވެ. އޭގެނަތީޖާއެއްގެ ގޮތުން އާސެނަލްއިން އެމެރީވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ވަޒީފާއިންވެސް ވަކިކޮށްފައެވެ.
އެމެރީވަނީ ލީގު 1 ގައާއި އިންގްލިޝް ޕްރިމިއާ ލީގުގެ އިތުރުން ލަލީގާގައިވެސް ކްލަބުތަކަށް އިރުޝާދުދީފައެވެ. އަދި އެންމެ ވާދަވެރިކަން ބޮޑު، ވަރުގަދަ ލީގަކީ އިންގްލިޝް ޕްރިމިއާ ލީގު ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތައް އޮތީ ލަލީގާކަމަށް އެމެރީ ބުންޏެވެ.




