ސުޕަރކޮޕާ - ފަސޭޙަކަމާއެކު ވެލެންސިއާ ބަލިކޮށް ރެއަލްމެޑްރިޑް ފައިނަލަށް

ސުޕަރކޮޕާ ސެމީ ފައިނަލްގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ފަސޭޙަކަމާއެކު ކާމިޔާބުކޮށް ރެއަލްމެޑްރިޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސައުދީ އެރޭބިއާގެ ކިންގްސް ޢަބްދުﷲ ސްޕޯޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

ކުރިއަށް ކުޅޭ މުހިންމު ބައެއް ކުޅުންތެރިން ނުހިމަނައި ނުކުތް ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނަޓްގައި ފެނިގެންދިޔައިިރު މިލަނޑު ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ.

އަދި މެޗުގެ 39 ވަނަ މިނަޓްގައި އިސްކޯ ކާމިޔާބުކޮށްދިން ލަނޑާއެކު ރެއަލްމެޑްރިޑުން ހާފު ނިމުމުގެ ކުރިން ލީޑު އިތުރަށް ފުޅާކުރިއެވެ. މިއީ އިސްކޯ ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިން 49 ވަނަ ލަނޑެވެ. މީގެއިތުރުން ރޭގެ މެޗުގައި ޕާސްދިނުމުގައި އިސްކޯ އަމިއްލަ ރެކޯޑެއް ހަދާފައިވާއިރު، ރޭގެ މެޗުގައި އޭނާ 96 ޕާސް ކާމިޔާބުކަމާއެކު ދީފައިވެއެވެ.

ފަސް މިޑްފީލްޑަރުންނާއެކު ރޭގެ މެޗަށް ނުކުތް ރެއަލްމެޑްރިޑުން މެޗު ކަށަވަރުކުރީ 65 މިނަޓްގައި ލުކާ މޮޑްރިޗް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

ވެލެންސިއާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔައިރު، ލިބުނު ޕެނަލްޓީއަކުން މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޕަރޭހޯއެވެ.

ރޭގެ މޮޅާއެކު މުބާރާތުގެ ފައިނަލަށް އެއްކޮޅުން ރެއަލްމެޑްރިޑް ދަތުރުކޮށްފައިވާއިރު ފައިނަލްގައި ރެއަލްމެޑްރިޑާއި ވާދަކުރާ ޓީމެއް އެނގިގެންދާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗަށްފަހުގައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ