ސުޕަރކޮޕާ - ފަހަތުންއަރައި ބާސެލޯނާ ކަޓުވާލުމަށްފަހު އެތުލެޓިކޯ މެޑްރިޑް ފައިނަލަށް

ސައުދީ އެރޭބިއާގެ ކިންގްސް ޢަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ސުޕަރކޮޕާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަހަތުންއަރައި ވަރުގަދަ ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފެށުމާއެކު އެތުލެޓިކޯއިން ބާސެލޯނާ ސިއްސުވާލުމަށްފަހު ލީޑު ނެގީ ދެވަނަ ހާފުގެ ފުރަތަމަ މިނަޓްގައެވެ. ކޮކޭގެ ފަރާތުން ފެނިގެންދިޔަ މިލަނޑަކީ ކޮކޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ހިތްވަރު ދޫނުކޮށް ކުޅެމުންދިޔަ ބާސެލޯނާއިނ މެޗުގެ ނަތީޖާ އޭގެ ފަސް މިނަޓްފަހުން ހަމަކުރިއެވެ. އެތުލެޓިކޯ ޑިފެންޑަރުންގެ ތެރޭގައި ހުރެ މެސީ ފޮނުވާލި ހޫނު ހަމަލާ ގޯލަށް ވަދެގެން ދިޔައިރު އެތުލެޓިކޯ ކީޕަރަށް ދިފާޢުކުރާނެ ފުރުޞަތެއް ލިބިފައެއްނުވެއެވެ. އަދި އޭގެ ކުޑަވަގުތު ކޮޅެއް ފަހުން އިތުރު ލަނޑެއްޖަހައި ބާސެލޯނާއަށް މެސީ ލީޑު ނަގައިދިންނަމަވެސް، އެބޯޅަ ކޮންޓްރޯލް ކުރުމުގެ ތެރޭގައި މެސީގެ އަތުގައި ބޯޅަ ޖެހުނުކަމަށްބުނެ ރެފްރީވަނީ އެގޯލް ކެންސަލްކޮށްފައެވެ.

ބާސެލޯނާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 62 ވަނަ މިނަޓްގައި ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ސުއަރޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު އޯބްލަކް ދިފާޢުކުރި ވަގުތު ބައުންސްވި ބޯޅަ ގްރިޒްމަންވަނީ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ލިބުނު ހިލޭ ޖެހުމަކަށް ވިޑާލް ހުރަސްކޮށްދިން ބޯޅައަކުން ޕީކޭ ކާމިޔާބުކޮށްދިން ލަނޑާއެކު ބާސެލޯނާއަށް ލީޑުއިތުރަށް ފުޅާކުރެވުނުކަމަށް ހީކުރެވުނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ވިޑާލް އޮފްސައިޑްގައި ހުރުމުން އެލަނޑުވަނީ ކެންސަލްކޮށްފައެވެ.

ލިބިފައިއޮތް ލީޑާއެކު ބާސެލޯނާއިން ހަމަޖެހިލިނަމަވެސް ނުތަނަވަސްކަން އަނެއްކާ އައީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 81 ވަނަ މިނަޓްގައި މޮރާޓާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަ ވުމުންނެވެ. ވިޓޯލޯ އޭރިއަށްތެރެއަށް ހުހަށް ވަތްބޯޅައިގައި ބާސެލޯނާގެ ކީޕަރު ނެޓޯވަނީ ފައުލްކޮށް އޭނާ ވައްޓާލާފައެވެ. މިފައުލްއާއި ގުޅިގެން ކީޕަރަށް ރީނދޫކާޑެއްވެސް ދައްކާފައިވެއެވެ.

ބާސެލޯނާ ހައިރާންކޮށްލުމަށްފަހު އެތުލެޓިކޯއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 86 ވަނަ މިނަޓްގައި ކޮރެއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މިލަނޑާއެކު މެޗުގެ ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ރޭގެ މޮޅާއެކު ސުޕަރކޮޕާގެ ފައިނަލަށް އެތުލެޓިކޯ މެޑްރިޑް ދަތުރުކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނުކުންނާނީ ވާދަވެރި ރެއަލްމެޑްރިޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ