ޗެލްސީގެ ކުރިއަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރޯ ރޮޑްރިގޭޒްއަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް އެކްލަބުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
ލަމްޕާޑް މިހެން ބުނެފައިވާއިރު، ޕެޑްރޯއަށް ބޮޑެތި ގިނަ ކްލަބްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، ބާސެލޯނާ، ނިއުޔޯކްސިޓީ އެފްސީ، މެންޗެސްޓާރ ސިޓީ އަދި އިންޓަރ މިއާމީވެސް ހިމެނެއެވެ.
އުމުރުން 32 އަހަރުގެ ޕެޑްރޯ ޗެލްސީއަށް މިސީޒަންގައި މިހާތަނަށް ކުޅެދީފައިވަނީ އެންމެ 11 މެޗެވެ. ޗެލްސީއާއެކު ޕެޑްރޯ މިހާރު ހަދާފައިވާ އެއްބަސްވުމުގައި މިހާރުއޮތީ ބާކީ ހަމަހެވެ.
"ޕެޑްރޯއަކީ އަހަރެންގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިއެއް. އަހަރެން ސީޒަން ފެއްޓީވެސް ޕެޑްރޯއާއެކު." ލަމްޕާޑު ބުންޏެވެ.
މީގެއިތުރުން ލަމްޕާޑް ބުނީ، ޕެޑްރޯ ގިނަ މެޗުތަކުން ފުރުޞަތު ލިބުން ބޭނުންވާނެކަމަށާއި، އެހެންނަމަވެސް އޭނާގެ ތަޖުރިބާއިން ޗެލްސީއަށް އެތަށް ގޮތަކުން ފައިދާ ކުރާނެކަމަށާއި، އިދިކޮޅު ކުޅުންތެރިޔާ ފަހާލުމަށްފަހު ލަނޑުޖެހުމަކީ ޕެޑްރޯގެ ހުނަރަކަށްވާއިރު، އެހުނަރުގެ ބޭނުންކޮށް އޭނާގެ ފަރާތުން މުހިންމު ލަނޑުތައް ފެނުން ބޭނުންވާކަމަށެވެ.
ލަމްޕާޑް މިހެން ބުނެފައިވީނަމަވެސް، ބާސެލޯނާއިން ބޭނުންނަމަ ހުރިހާ އެއްޗެއްވެސް ދޫކޮށްލާފަ ދާން ތައްޔާރަށް ހުރިކަމަށް ޕެޑްރޯ މީގެ ދެތިން ހަފްތާކުރިން ބުނެފައިވެއެވެ.




