އިންގްލިޝް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ހޯދުމަށް ޗެލްސީއިން ކުރާ މަސައްކަތަށް އެފްއޭކަޕުން ނުކުންނަ ނަތީޖާއަކުން އަސަރު ނުކުރާނެކަމަށް ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.
އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ، އެފްއޭކަމް ފައިނަލަށް ދަތުރުކުރުމަކީވެސް މުހިންމުކަމެއްކަމަށާއި، ހަމައެގޮތަށް ޕްރިމިއާ ލީގު ގަދަ ހަތަރަކުން ޖާގައެއްކަށަވަރުކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި ބާކީ ދެ މެޗުއޮތް އިރު، ގަދަ ހަތަރަކުން ޖާގައެއް ހޯދައި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޗެލްސީއާއި ޔުނައިޓެޑްގެ އިތުރުން ލެސްޓާއިންވެސްދަނީ މަސައްކަތްކުރަމުންނެވެ. 63 ޕޮއިންޓާއެކު ޗެލްސީ ތިންވަނާގައި އޮތްއިރު ހަތަރުވަނާގައި އޮތް ލެސްޓާ އަދި ފަސްވަނާގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެހެންކަމުން މިތިން ޓީމަށްވެސް ޕްރިމިއާ ލީގުގައި ބާކީ އޮތް ދެމެޗަކީ ވަރަށް މުހިންމު ދެމެޗެވެ.

ހަމަ އެގޮތަށް މިރޭ އެފްއޭ ކަޕް ސެމީ ފައިނަލްގައި މެންޗެސްޓާރ ޔުނައިޓެޑާޢީ ޗެލްސީ ބައްދަލުކާ މެޗަކީވެސް މިދެޓީމަށް މުހިންމު މެޗެކެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނީ މިރޭގެ މެޗުން މޮޅުވެގެންނެވެ. ސެމީފައިނަލްގެ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު އާސެނަލްއިން ވަނީ އެއްކޮޅުން ފައިނަލަށް ދަތުރުކޮށްފައެވެ. އާސެނަލްއިން ސިޓީ ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މިސީޒަންގައި ޔުނައިިޓެޑާއި ދެކޮޅަށް މިހާތަނަށް ޗެލްސީއިން ކުޅުނު ތިން މެޗުންވެސް ޗެލްސީވަނީ ދަށްވެފައެވެ.



