އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރު ޔުނައިޓެޑް އަތުން ޗެލްސީ ދަށްވި މެޗުގައި ވީއޭއާރުގެ އެހީގައި ނިންމި ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭކަން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ހާމަކޮށްފިއެވެ.
މެގުއާ ކާމިޔާބު ކޮށްދިން ޔުނައިޓެޑްގެ ދެވަނަ ލަނޑާއެކު، ހިތްވަރު އާވެގެންދިޔަ ޔުނައިޓެޑުންވަނީ ރޭގެ މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ އުންމީދުވެސް އާކޮށްފައެވެ. 7 ވަނާގައި ޔުނައިޓެޑް އޮތީ ހަތަރުވަނާގައި ޗެލްސީއަށް ވުރެ ތިން ޕޮއިންޓް މަދުން ލިބިގެންނެވެ.
ލަމްޕާޑު ބުނީ، ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާއަށް މެޗުގެ ފުރަތަމަ ހާފުގައި ރަތްކާޑު ދައްކަންޖެހޭކަމަށާއި، އެއީ މުޅީ ގޭމް ބަދަލުވާނެފަދަ ކަމެއްކަމަށެވެ. މީގެއިތުރުން ޗެލްސީއިން ޖެހި ދެލަނޑުވެސް ވީއޭއާރު ބެލުމަށްފަހު ކެންސަލްކޮށްފައިވާއިރު، އެގޮތަން ނިންމާފައިވަނީ ބަލަންޖެހޭވަރަށް ނުބަލާކަމަށްވެސް ލަމްޕާޑު ބުންޏެވެ.
ދަނޑު އަރިމައްޗަށް ވެއްޓިފައި އޮތް މެގުއާ އޭނާގެ ފައިން ޗެލްސީގެ ބަޓްޝުއާއީ ކޮށްޕާލާތަން ފެނިގެން ދިޔަނަމަވެސް މިހާދިސާއާއި ގުޅިގެން މެގުއާޔަށް ރީނދޫ ކާޑެއްވެސް ދައްކާފައިނުވެއެވެ.

މިހާދިސާއާއި ގުޅިގެން މެގުއާ ބުނީ އޭނާ އެކަންކުރީ ބަޓްޝުއާއީއަށް އަނިޔާކުރަން ނޫންކަމަށާއި، ނަމަވެސް އޭނާގެ ގައިމައްޗަށް ބަޓްޝުއާއި ވެއްޓެނީކަމަށް ހީކޮށްކަމަށެވެ.
2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކުރި މިމެޗުގައި އެކްލަބަށް ލަނޑު ޖަހައިދިނީ މާޝިއާލްއާއި މެގުއާއެވެ. މާޝިއާލްގެ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނަޓްގައި ފެނިގެންދިޔައިރު، މެގުއާގެ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި ހިނގާދިޔަ ހާދިސާއާއެކު މެގުއާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހޭނެކަމަށް ފުޓްބޯޅައިގެ ބައެއް މާހިރުން ދެކެއެވެ.

މެޗުގައި ޗެލްސީ ދަށްވިނަމަވެސް އެކްލަބުން ވަނީ ރީތި މޮޅު ކުޅުމެއް ރޭގެ މެޗުގައި ދައްކާފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް އުފައްދައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް އުފެއްދިއެވެ. އެހެންނަމަވެސް ރޭގެ މެޗުން ޗެލްސީ ދަށްވެގެން ދިޔައީ ސުމެއް ކަނޑުވާނުލެވިއެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑް ތާވަލްގެ 7 ވަނާގައި އޮތީ 38 ޕޮއިންޓާއެކުގައެވެ. ޗެލްސީއަށް ތާވަލްގެ ހަތަރުވަނާގައި ހިފަހައްޓާ ލެވުނު ނަމަވެސް ފަސް ވަނާގައި އޮތް ޓޮޓޭންހާމްއަށްވުރެ އިތުރަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.



