ރާއްޖޭގެ އެންމެ މުޅި ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަފަހަރު ހޯދާފައިވާ އަލީ އަޝްފާގު (ދަގަނޑޭ) އަނެއްކާވެސް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ގްރީން ސްޓްރީޓުން ޓީސީ އަށް ބަދަލުވީ ކުރިންވެސް ގްރީން ސްޓްރީޓާއި އެކު އެއްބަސް ވެފައިވާގޮތުގެ މަތިންނެވެ. ގްރީން ސްޓްރީޓަށް ދަގަނޑޭ ސޮއި ކުރިއިރު ވެސް އެ ކުލަބުން އެއްބަސްވެފައި އޮތީ ޖެނުއަރީ ޓްރާންފާގައި އޭނާ ޓީސީއަށް ދޫކޮށްލުމަށެވެ. އެއީ ޓީސީއަށް އޭއެފްސީ ކަޕް ކުޅުމުގެ ފުރުސަތު ލިބިފައި ވުމުން އެ ކުލަބު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
ގްރީން ސްޓްރީޓްސް އިން ބުނީ ދަގަނޑޭ ދިއުމަކީ އެ ކްލަބަށް ލިބޭ ދެރައެއް ކަމަށާއި ސީޒަނުގެ ބާކީ ބައިގައި ދަގަނޑޭ ބޭނުންކުރި ހަތް ނަންބަރު ޖާޒީގައި އެހެން ކުޅުންތެރިއަކު ނުފެންނާނެ ކަމަށެވެ. އަދި ދަގަނޑޭ އަށް ކާމިޔާބަށް އެދޭ ކަމަށް ގްރީން ސްޓްރީޓުން ބުނެފައި ވެއެވެ.
މި ފަހަރުގެ ޓްރާންސްފަރ މާކެޓްގައި ޓީސީއިން އެ ކްލަބްގެ ސްކޮޑް ވަރުގަދަކުރަމުން އަންނައިރު އެކްލަބުން ވަނީ މި ޓްރާންސްފަރ މާކެޓްގައި ފޯކައިދޫގެ ތިން ކުޅުންތެރިޔެއްގެ ސޮއި ހޯދައިފައެވެ. އެގޮތުން އެ ކްލަބްގެ ޕާކިސްތާން ކީޕަރު ސާގިބާއި މިސްރުގެ ޑިފެންޑަރ މަހުމޫދު ސައީދާއި ޑިފެންޑަރ އަލީ ޝާމިސް (ތޮއްޕޭ) ގެ ސޮއި ހޯދައިފައެވެ. މި ތިން ކުޅުންތެރިންވެސް ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެފައިވެއެވެ.



