ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގިނަގުނައެވެ. އަދި އެ ކެންޑިޑޭޓުން ކެމްޕޭންވެސް ފޯރިގަދައެވެ. މަޖިލިސް އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެ، ކެންޑިޑޭޓުންގެ ވާހަކަދެއްކުންތަކަށް ބަލާއިރު ކުރިއަށް އޮތީ މަޖިލިސް އިންތިޚާބޭ ހީނުވާ ފަހަރު އެބައާދެއެވެ.
މަޖިލިސް ކެމްޕޭން އިންތިހާއަށް ފޯރިގަދަވެފައި ވަނިކޮށް ޝައިޚް މުޙައްމަދު އަނިލް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލާފައިވާ ގިނަ ކެންޑިޑޭޓުންގެ ވައުދުތަކަށް ބަލާލީމަ ހީވަނީ ރިޔާސީ އިންތިޚާބެއްގެ ކެންޑިޑޭޓުން ހެން ކަމަށެވެ.
މިވާހަކައަށް ރައްދު ދެއްވަމުން ޑރ. މުޙައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް ވަދެ ބޮޑުވަޒީރަކަށް ވީމަ، އެއޮތީ ރިޔާސީ ކެންޑިޑޭޓަކަށް ވެވިފަ ކަމަށެވެ.
"މަޖިލިސް އަށް ވަދެ ބޮޑުވަރީރަކަށްވީމަ، އެއޮތީ ރިޔާސީ ކެންޑިޑޭޓަކަށް ވެވިފަ ނޫންތޯ؟" ޑރ. އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Majlis ah vadhe bodu vazeerakah veema eyothy presidential candidate akah vefai nun tho?
— Dr Mohamed Iyaz (@dr_iyaz) March 12, 2019
މަޖިލިސް ކެމްޕޭނާ ގުޅޭގޮތުން ޝެއިޚް އަނީލް އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހަށް ކުރިމަތިލައްވައިގެން ކެމްޕޭން ކުރަމުންދާ ފަރާތްތަކަށް މަޖިލިސް މެންބަރުންގެ މެންޑޭޓް އެނގިލައްވާތޯ ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"މެންޑޭޓް ނޭނގޭ މީހުން (މަޖިލީހަށް) ވަދެފިއްޔާ، ސިޔާސީގޮތުން "ހަށިވިއްކާ" މީހަކަށް މަޖިލީހުގައި އޭނަ ވެދާނެ." ޝައިޚް މުޙައްމަދު އަނިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަޖިލިސް ކެމްޕޭނާ ދިމާކޮށް ސަރުކާރުންވެސް ދަނީ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ބޮޑެތި ވައުދުތައް ވަމުންނެވެ.