އީޕީއެލް - ޓޮޓޭންހާމް ބަލިކޮށް ލިވަޕޫލަށް ރެކޯޑެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޓޮޓޭންހާމް ބަލިކޮށް ލިވަޕޫލްއިން ރެކޯޑެއް ހަދައިފިއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލްވަނީ އެންމެފަހުން ކުޅުނު 21 މެޗުން 61 ޕޮއިންޓް ހޯދާފައެވެ. މިއީ ޔޫރަޕްގެ ގަދަ ފަސްލީގުގައި އެހެން ކްލަބަކަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.

ޓޮޓެންހާމް ހޮޓްސްޕާރ ސްޓޭޑިއަމްގައި ރޭ ކުޅުނު ލިވަރޕޫލްއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފެށުނުއިރު ޓޮޓޭންހާމްއިން މޮޅަށް ކުޅުނު ނަމަވެސް މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލްއިންވަނީ މެޗު ކޮންޓްރޯލްކޮށްފައެވެ. ހަމައެއާކު ލިވަޕޫލްގެ ހަމަލާތައް ފެށުނެވެ. ލިބޭ ކައުންޓަރ އެޓޭކްތަކުގައި ޓޮޓޭންހާމްވެސް ދިޔައީ ލިވަޕޫލަށް ޕްރެޝަރުކުރަމުންނެވެ.

މެޗުގެ ކުރީކޮޅު ޓޮޓޭންހާމްއިން ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައިވާއިރު، ޑެލޭ އަލޭއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. ޑެލޭ އަލޭ އޭރިއާތެރެއިން ފޮނުވާލި ހޫނު ހަމަލާދިޔައީ ގޯލާއި އަމާޒު ނުވެ ދަނޑި މަތިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. ފިރްމީނޯވަނީ ލިވަޕޫލަށް އެންމެފަހުން ކުޅުނު ހަމެޗުން ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗަށް ޓޮޓޭންހާމްއިން ނުކުމެފައިވަނީ އިތުރުބާރު ފޯވާޑު ހެރީ ކޭން ޓީމުގައި ނުހިމަނައެވެ. މިމަހުގެ އެއް ވަނަ ދުވަހު ޕްރިމިއާ ލީގުގައި ސައުތޭމްޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ކޭންއަށް އަނިޔާވެފައިވާއިރު އޭނާގެ ފައިގެ އޮޕަރޭޝަނެއްވަނީ ކުރަން ޖެހިފައެވެ. އަދި ދެމަސް ދުވަހު ކުޅުމާއި ދުރުގައި ކޭން ހުންނަން ޖެހޭނެކަމަށް ޓޮޓޭންހާމްއިންވަނީ ބުނެފައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން 12 މެޗުން މޮޅުވެފައިވާއިރު، މިސީޒަންގައި އެކްލަބަށް މިހާތަނަށް ގެއްލިފައިވަނީ އެންމެ ދެޕޮއިންޓެވެ. ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުންވަނީ މޮޅުވެފައެވެ. އަދި 1 މެޗުންވަނީ އެއްވަރުވެފައެވެ.

ލިވަޕޫލްއިންވަނީ ޕްރިމިއާ ލީގުގައި ބަލިނުވެ 38 މެޗު ހަމަކޮށްފައެވެ.

ތާވަލްގެ އެއްވަނާގައި ލިވަޕޫލް އޮތީ 14 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ދެވަނާގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އަދި 44 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލްގެ ތިންވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ