އޭސީ މިލާނަށް އެނބުރި އައިސް އިޓާލިއަން ސީރީއާގައި ޒްލަޓަން އިބްރަހިމޮވިޗް ޖެހި ފުރަތަމަ ލަނޑާއެކު ކަގްލިއަރީ އަތުން އޭސީ މިލާން މޮޅުވެއްޖެއެވެ.
ސާޑެގްނާ އެރީނާގައި ރޭ ކުޅެވުނު މިމެޗު އޭސީ މިލާނުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފު ފެއްޓުމާއެކު އޭސީ މިލާނުންވަނީ ފުރަތަމަ ލަނޑާއެކު ލީޑު ނަގާފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑަކީ ރަފޭލް ލެއާއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޭސީ މިލާންގެ ދެވަނަ ލަނޑު ދާދިފަހުން އެކްލަބާއި ގުޅުނު އިބްރަހިމޮވިޗް ކާމިޔާބުކޮށްދީފައިވާއިރު، އޭރިއާތެރެއިން ލިބުނު ބޯޅަ އިބްރަހިމޮވިޗް ޖަހާފައިވަނީ ތިރިތިރިން ގޯލްގެ ދުރުކަނަށެވެ. މެޗުގެ 64 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭސީ މިލާނަށް އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން 57 ވަނަ ލަނޑެވެ.
HE'S BACK. Zlatan scores his first goal since returning to AC Milan!
— ESPN (@espn) January 11, 2020
Stream on ESPN+ ➡️ https://t.co/Zm0KHz1gcz pic.twitter.com/nvBF9yBC6D
މީގެ ގާތްގަނޑަކަށް 8 އަހަރު ކުރިން އޭސީ މިލާން ދޫކޮށްދިޔަ އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް އައިސްފައިވަނީ މިޖެނުއަރީ މަހުގެ ޓްރާންސްފާގައެވެ. 2010 ކުން 2012 އަށް އޭސީ މިލާންގައި އިބްރަހިމޮވިޗް ހޭދަކޮށްފައިވާއިރު، މިމުއްދަތުގައި ކުޅުނު 85 މެޗުން 56 ލަނޑު އޭސީ މިލާނަށް އޭނާ ކާމިޔާބުކޮށްދީފައިވެއެވެ.
މިމޮޅާއެކު އޭސީ މިލާން ތާވަލްގެ 8 ވަނާގައި އޮތީ 19 މެޗުން ލިބުނު 25 ޕޮއިންޓާއެކުގައެވެ.




