51 ވަނަ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ޕޮލިސް ކުލަބް ޖާގަ ހޯދައިފިއެވެ.
ޕޮލިސް ކުލަބް ފައިނަލުން ޖާގަހޯދީ ހުކުރު ދުވަހުގެރޭ ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކުރި ސެމީ ފައިނަލް ތިން ވަނަ މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.
ދެވަނަ ސެމީ ފައިނަލުން މޮޅުވި ގުޑީސް ސްޕޯޓްސް ކުލަބާއި ފުރަތަމަ ސެމީ ފައިނަލުން ބަލިވި ޕޮލިސް ކުލަބުން ވާދަކުރި މެޗުގެ ފުރަތަމަ ސެޓް 25-19 އިން ޕޮލިސް ކުލަބް ކާމިޔާބުކުރިނަމަވެސް ގުޑީސް ސްޕޯޓްސް ކުލަބުން ވަނީ ވާދަވެރި ކުޅުމަކަށް ދެވަނަ ސެޓް 31-29 ން ކާމިޔާބުކޮށްފައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފަހު ދެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-22 އަދި 25-23 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ އިސްމާޢިލް ސާޖިދުއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކުލަބު ވާދަކުރަންޖެހެނީ ދިވެހި ސިފައިންގެ ކުލަބާއެވެ. ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގައެވެ.




