ސުޕަރކޮޕާ ފައިނަލްގައި ރޭ ޕެނަލްޓީއިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއަލްމެޑްރިޑުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ސައުދީއެރޭބިއާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އެހެންކަމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއިން ރެއަލްމެޑްރިޑް މިމެޗު ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ. ރެއަލްމެޑްރިޑުން ޖެހި 4 ޕެނަލްޓީވެސް ކާމިާބުކޮށްފައިވާއިރު، އެތުލެޓިކޯ މެޑްރިޑުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. ސައުލްގެ ޕެނަލްޓީ ގޯލްގެ އަރިމަތީ ދަނޑިއާއި އަމާޒުވިއިރު، ތޯމަސްގެ ޕެނަލްޓީވަނީ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ދިފާޢުކޮށްފައެވެ.

ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 115 ވަނަ މިނަޓްގައި އެތުލެޓިކޯގެ މޮރާޓާއަށް ކުރި ފައުލަކާއި ގުޅިގެން ރެއަލްމެޑްރިޑްގެ ފެޑެރިކޯ ވަލްވާޑޭއަށްވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ.
ރޭގެ ފައިނަލްއަކީ ކޯޗު ޒިދާންގެ އިރުޝާދުގެ ދަށުން ރެއަލްމެޑްރިޑް ކުޅުނު ނުވަވަނަ ފައިނަލެވެ. މިނުވަ ފައިނަލްވެސް ޒިދާންވަނީ ކާމިޔާބުކޮށްފައެވެ.



