މެންޗެސްޓަރި ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑު ސާޖިއޯ އަގުއޭރޯ މަރުވާނީ ލަނޑު ޖެހުމުގައިކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އަގުއޭރޯއަށް ތަޢުރީފުކޮށް ގާޑިއޯލާ މިފަދައިން ވާހަކަ ދައްކާފައިވާއިރު ރޭ އެސްޓަން ވިލާކޮށް ހެދި ހެޓްރިކާއެކު އަގުއޭރޯވަނީ އިންގްލިޝް ޕްރިމިއާ ލީގުގައި ކުޅޭ އެހެން ޤައުމެއްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
177 ލަނޑާއެކު އުމުރުން 31 އަހަރުގެ އަގުއޭރޯވަނީ ތިއެރީ އޮންރީއާއި ފްރޭންކް ލަމްޕާޑްވެސް ފަހަތަށް ޖައްސާލާފައެވެ.
އަދި ރޭގެ ހެޓްރިކާއެކު މަޝްހޫރު އަލަން ޝެއިރަރ ޕްރިމިއާ ލީގުގައި ހަދާފައިވާ ހެޓްރިކްގެ ރެކޯޑުވެސް އަގުއޭރޯވަނީ މުގުރާލާފައެވެ. 441 މެޗުން ޝެއިރަރ 11 ހެޓްރިކް ހަދާފައިވާއިރު އަގުއެރޯވަނީ 255 މެޗުން 12 ހެޓްރިކް ހަދާފައެވެ.
Very very happy about this victory, and it's truly moving to reach new milestones — standing alongside legends like @ThierryHenry, FrankLampard and @AlanShearer pic.twitter.com/KzlKpRtZ6C
— Sergio Kun Aguero (@aguerosergiokun) January 12, 2020
އަގުއޭރޯއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އަގުއޭރޯއަކީ ލެންޖެންޑެއްކަމަށާއި، އަގުއޭރޯ ރެކޯޑު މުގުރާލި ދުވަހު އޭނާއާއެކު ހުރުމަކީ ލިބުނު ފަޚުރެއްކަމަށެވެ. ގާޑިއޯލާގެ ނަޒަރުގައި އަގެއޭރޯއަކީ ދުނިޔޭގައިހުރި ދެވަނައަށް އެންމެ މޮޅު ސްޓްރައިކަރެވެ. ގާޑިއޯލާގެ އެއްވަނައަކީ ބާސެލޯނާގެ ލިއޮނަލް މެސީއެވެ.
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 1-6 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފައިވާއިރު، އަގުއޭރޯގެ އިތުރުން ސިޓީގެ ލަނޑުތައް ޖަހާފައިވަނީ މަޙްރޭޒްއާއި ޖީސޫސްއެވެ. މަޙްރޭޒްވަނީ ދެލަނޑު ޖަހާފައެވެ. އެސްޓަން ވިލާގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔައިރު ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ އަންވަރު އެލް ޤާޒީއެވެ.
ރޭގެ މޮޅާއެކު ސިޓީވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. 22 މެޗުން ސިޓީއަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ތާވަލްގެ އެއްވަނާގައި ލިވަޕޫލް އޮތީ 21 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ.




