އެމްޑީޕީ ތިލަދުންމަތީ ދަތުރުގެ ބައިވެރިން ހއ އަތޮޅުގެ ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވަމުން އެބަގެންދަވައެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިން ގަންނަވާ މިދަތުރުގެ ބައިވެރިން މާލެއިން އިއްޔި ހަވީރު ފުރައިގެން މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ އިހަވަންދޫ އަށެވެ. އިހަވަންދޫގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ދޮރުން ދޮރަށް ހިންގުވުމަށްފަހު އިހަވަންދޫ އެމްޑީޕީ ޖަގަހަޔަށް ވަޑައިގެން ޖަގަހައިގައި އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ރައީސް ނަޝީދު ވަނީ އިހަވަންދޫ ކައުންސިލަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރައްވާ އިހަވަންދޫ ކައުންސިލްގެ ވެބްސައިޓު ލޯންޗުކޮށް ދެއްވާފައެވެ.
އިހަވަންދޫއިން ދެން ދަތުރުގެ ބައިވެރިން ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. ހޯރަފުށީގައިވެސް ހަރުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ދޮރުން ދޮރަށް ހިންގެވިއެވެ.

ހޯރަފުށިން ކެލަޔަށް މިހާރު ވަޑައިގެންފައި ވާއިރު ކެލާގައިވެސް ދޮރުން ދޮރަށް ހިންގަވާނެއެވެ. ކެލަޔަށްފަހު ބައިވެރިން ދެން ދާނީ ހއ ބާރަށަށެވެ. ބާރުށުގައި ދޮރުން ދޮރަށް ހިންގެވުމަށްފަހު މިރޭ ދިއްދޫގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުގެ ބައިވެރިން ހދ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ހދ އަތޮޅުން ހަނިމާދޫ، ނޮޅިވަރަމްފަރު، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީ ލީޑަރޝިޕްގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރުގައި ދަތުރު ކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށި ސީކުއީން ބޯޓެވެ.




