މާލޭގައި ހިންގި ގްރޫޕް މާރާމާރީގެ މައްސަލާގައި ދެމީހަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން 2020 ޖެނުއަރީ 10 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މިމީހާގެ އިތުރުން 2020 ޖެނުއަރީ 12 ވަނަ ދުވަހު 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ.
22 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހާދީފައިވާއިރު، 24 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި ހުރި މީހަކާއި މެދު ގްރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ 2020 ޖެނުއަރީ 9 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައިކަމަށެވެ.
ދިހަވަރަކަށް މީހުންގެ ގްރޫޕަކުން ހިންގި މިމާރާމާރީގައި އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެމާރާމާރީގެ ވީޑިއޯ މީސްމީޑިއާގައި މިހާރު އާންމުވެފައިވާއިރު، 49 ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ޒުވާން ފުރައިގެ ފިރިހެނެއްގެ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅައި ހަދާތަނެވެ. މީގެއިތުރުން ސައިކަލެއްގައި އައި ދެ މީހަކު ވެސް އެ މީހާގެ ގައިގައި ސައިކަލުން ޖައްސާ މަންޒަރު ފެނެއެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.




