ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ މައްސަލައިގައި، އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ހުކުމް އިއްޔަވަން ތައްޔާވެއްޖެއެވެ.
މިއަދު ހެދުނު ޝަރީއަތް ފެށުމަށްފަހު ސިއްރުކުރި ރައީސް ޔާމީންގެ ޝަރިއަތާ ގުޅޭގޮތުން ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ، އެ އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ނިމިފައިވާ ކަމަށެވެ.
"އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރެއްވުންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ޢިއުލާން ކުރެއްވި." ހައިކޯޓުން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ނަމަވެސް ސިއްރުން ކުރިއަށް ގެންދިޔަ އަޑުއެހުމެއްކަމުން ދެއްކެވި ވާހަކަފުޅު ވަނީ ސާފުވާގޮތް ނުވެފައެވެ.
ހެއްކަށް ނުފޫޒު ފޯރުވާކަމަށްބުނެ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ސިއްރު ލިޔުންތަކެއްގެ މައްޗަށް ބުރަވެ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރިތާ މިއަދަށް 23 ދުވަސްވާނެއެވެ.