ދުނިޔޭގެ އެންމެ މުއްސަނދި ޓީމުތަކުގެ ލިސްޓް ކުރިއަށް ބާސެލޯނާ ފުރަތަމަ ފަހަރަށް އަރައިފިއެވެ.
މިދިޔަ ދެސީޒަންގައިވެސް ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާ ބާސެލޯނާއަށް އެއްވަނަ ލިބިފައިވާއިރު، މިލިސްޓްގެ ދެވަނާގައި އުޅެނީ ވާދަވެރި ރެއަލްމެޑްރިޑެވެ.
އަދި ތިންވަނާގައި މެންޗެސްޓަރ ޔުނައިޓެޑް އުޅޭއިރު، ހަތަރުވަނަ ލިބިފައިވަނީ ބަޔާން މިއުނިކަށެވެ. ޕީއެސްޖީ އޮތީ ފަސްވަނާގައެވެ.

މިލިސްޓް ކަނޑައަޅަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ޕްރިމިއާ ލީގު، ލަލީގާ، ބުންޑެސްލީގާޤ، ސީރީއާ އަދި ލީގު 1 ގައި ކުޅެމުން އަންނަ ޓީމުތަކުގެ މެދުގައެވެ. މެޗު ބްރޮޑްކާސްޓް ކޮށްގެން ބޮޑު އާމްދަނީއެއް މިކްލަބުތަކަށް ލިބޭއިރު، މިކްލަބު ތަކަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ވަރުގަދަ ކްލަބުތަކެވެ. ޗެމްޕިއަންސް ލީގަކީ މުބާރާތުގެ ފައިސާގެ އިނާމުތަކުގެ އިތުރުން 2 ބިލިއަން ޔޫރޯގެ މީޑިއާ އެއްބަސްވުންތައް އެކުލެވިގެންވާ މުބާރާތެކެވެ.
2018 ވަނަ އަހަރު ބާސެލޯނާއިން ބާސާ ލައިސެންސިންގ އެންޑް މާޗެންޑައިޒިންގ ފައްޓާފައިވާއިރު، ދުނިޔޭގައި އެކްލަބުގެ ނަމުގައި ކުރެވޭ ވިޔަފާރިތަކުގެ ކޮންޓްރޯލްވަނީ ހިފަހައްޓާފައެވެ. އަދި ވިޔަފާރީގެ ތަފާތު އާ ޙަރަކާތްތަކެއް މިދިޔަ ސީޒަންގައި ބާސެލޯނާއިން ފައްޓާފައިވާއިރު، 840.8 މިލިއަން ޔޫރޯ އެކްލަބަށް ލިބިފައިވެއެވެ. މިއީ މީގެ ކުރީ ސީޒަން އަޅާބަލާއިރު، ގާތްގަނޑަކަށް 150 މިލިއަން ޔޫރޯގެ އިތުރު އަދަދެކެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 20 ޓީމު ތަކުގެ ތެރޭގައި އެންމެ ވާދަވެރި ޑޮމެސްޓިކް ލީގުކަމަށްވާ ޕްރިމިއާ ލީގުގެ 8 ޓީމެއް ހިމެނިފައިވެއެވެ. ޕްރިމިއާ ލީގު ކްލަބުތަކުގެ މެދުގައި ބްރޮޑްކާސްޓިންގ ކޮންޓްރެކްޓްގެ ގޮތުގައި 9.2 ބިލިއަން ޕައުންޑް ޙިއްސާކުރެވިފައިވެއެވެ.




