ހިމަބިއްސައް ޝައްކުކުރެވޭ 10 ފަރާތެއްގެ ޓެސްޓް ކުރެވެމުން ކުރެވެމުންދާކަމުގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަަކ ފުޅު ދައްކަވަމުން އަމީން ވިދާޅުވެފައިވަނީ ހިމަބިހި އަލުން ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ހިމަބިއްސައްދޭ ވެކްސިން ދިނުމަށް ބޭނުންވާ މަޢުލޫމާތު ތައް އެއްކުރަމުން ދާކަމަށެވެ. އެގޮތުން މާދަމާގެ ނިޔަލަށް ވެކްސިން ނުދީ ތިބި ފަރާތްތަކުގެ މަޢުލޫމާތު ހޯދޭނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ބައިނަލްއަޤްވާމީ ފަރާތްތަކާއި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވި މިވަގުތުން މިވަގުތަށް ދެލައްކަ މީހުންނަށް ވެކްސިން ދެވޭނެ މިންވަރަށް ވެކްސިން ލިބޭނެގޮތް މިހާރު ވަނީ ހަމަޖެހިފައިކަމަށެވެ. މި ވެކްސިންތައް ރާއްޖެއާއި ހިސާބަށް ގެނައުމަށް ގިނަވެގެން ހޭދަވާނީ 10 ވަރަކަށް ދުވަސް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހިމަބިހި ކޮންޓްރޯލް ކުރެވުނު ކަމުގައިވިޔަސް ކުރިޔަށް އޮތް 3 މަސްދުވަހަށް ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދާނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ. މި ޕްރޮގްރާމްތެރޭގައި ހުރިހާ މީހުންނަށްވެސް ވެކްސިން ދެވިފައިވާކަން ކަށަވަރު ކުރަން ބޭނުންކަމުގައިވެސް އަމީން ވިދާޅުވިއެވެ.




