"މަވެސް ޖަހައިފިން" ނަމުގައި ހިމަބިހި ވެކްސިން ކެމްޕޭނެއް ރާއްޖޭގައި ފަށައިފިއެވެ.
ރާއްޖޭން ހިމަބިހި އަލުން ފެނުމާ ގުޅިގެން، މިބަލި އަލުން ރާއްޖެއިން ފުހެލުމަށް އާއަޒުމަކާއެކު ހެލްތު މިނިސްޓްރީއިން މަސައްކަތް ފައްޓާފައިވާއިރު، މިއަދު އަމީނިއްޔާ ސްކޫލުގައި ފެށިގެންދިޔަ މިކެމްޕޭން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މިކެމްޕޭން ތިން މަސް ދުވަހަށް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގައި ހަ މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރް ވެކްސިންގެ އިތުރު ޑޯޒް ދެއެވެ. އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށްވެސް ވެކްސިން ޖަހާނެއެވެ.

ކެމްޕޭން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރުމަށް ހެލްތު މިނިސްޓަރު އަމީން އިލްތިމާސްކުރައްވާފައިވާއިރު، ގައިން ގަޔަށް އަރާ ބަލިތައް ނޫން ބަލިތަކުން ރައްކާތެރި ވުމަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމު ކަން މިނިސްޓަރުވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިކެމްޕޭން އަތޮޅުތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާއިރު، ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތު މިނިސްޓްރީއިން ވިދާޅުވިއެވެ.




