ޕީއެސްޖީއަށް ކުޅެމުން އަންނަ ކަވާނީ ހޯދުމުގެ މަސައްކަތް އެތުލެޓިކޯއިން ފައްޓާފައިވާއިރު، މިމަސައްކަތުގެ ތެރެއިން އެތުލެޓިކޯ މެޑްރިޑްގެ ސީއީއޯ ފްރާންސްގެ ޕެރިހަށް ދަތުރުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ސީއީއޯ މިގުއެލް އޭންޖެލް ގިލް މަރިންއާއި ޕީއެސްޖީގެ ވެރިޔާ ނާސިރު އެލްހެއްލާފީގެ ބައްދަލުކުރުން އަންގާރަދުވަހުވަނީ ކުރިއަށް ގެންގޮސްފައެވެ.
ކަވާނީ ޕީއެސްޖީ ދޫކޮށްލަން އުޅެނީ ފުރަތަމަ 11 އިން ޖާގަ ނުލިބޭތީއެވެ. ކަވާނީއަށް ޖާގަ ގެއްލުނީ ކީލިއަން އެމްބާޕޭ އާއި މައުރޯ އިކާޑީއާއެކުއެވެ. އަނެއްކޮޅުން ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހު ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން ކަވާނީއާއެކު އިތުރު އެއްބަސްވުމަކަށް ދާން ޕީއެސްޖީއިން ބޭނުންނުވާނަމަ މިޓްރާންސްފާ ވިންޑޯގައި އޭނާ ވިއްކާލަން ޖެހޭނެއެވެ. ނޫންނަމަ ސީޒަން ނިމުމާއެކު ކަވާނީ ހިލޭ ދޫކޮށްލަން ޕީއެސްޖީއަށް މަޖުބޫރުވާނެއެވެ.
މިޓްރާންސްފާ ވިންޑޯގައި އެތުލެޓިކޯގެ އެންމެ ބޮޑު ޓާގެޓަކީ ކަވަނީކަމަށްވާއިރު، އެތުލެޓިކޯއިން ކަވާނީއާއެކު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނަޕޯލީން 2013 ވަނަ އަހަރު 64 މިލިއަން ޔޫރޯ އަށް ޕީއެސްޖީއާ ގުޅުނު ފޯވާޑް ވަނީ އެ ޓީމަށް 289 މެޗުން 196 ގޯލް ޖަހައިދީފަ އެވެ.



