ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ބްލޫމީޑް، ޙުސައިން ޢަލީ (32އ) ކަމަށެވެ.
"ޙުސައިން ޢަލީ ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރިހިންގުމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 19 ވަނަ ދުވަހުގެ 11:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
ޙުސައިން ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.




