ރޮނާލްޑޯއާއެކު ކުޅުނު އެލްކްލެސިކޯތައް މާ ޚާއްސަ: މެސީ

ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއަލްމެޑްރިޑްގައި އުޅުނުއިރު ކުޅުނު އެލްކްލެސިކޯ މެޗުތައް މާ ޚާއްސަކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮމަލް މެސީ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ވާދަކުރާ މެސީއާއި ރޮނާލްޑޯއަކީ އެތަށް ސަޕޯޓަރުންގެ ހިތްތަކުގައި ވެރިކަން ކުރަމުންދާ ދެކުޅުންތެރިންނެވެ. ބާސެލޯނާއާއި ރެއަލްމެޑްރިޑަކީ ދުނިޔޭގައި އޮތް އެންމެ ވާދަވެރި ދެކްލަބެވެ. މިދެކުޅުންތެރިންނާއެކު މިދެކްލަބު އެދުވަސްވަރު ނުކުންނަ އެލްކްލެސިކޯ މެޗުތަކަކީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް އެމެޗަކަށް ތައްޔާރުވަމުން އަންނަ ފޯރި ގަދަ މެޗެކެވެ.

"ރޮނާލްޑޯ މެޑްރިޑްގައި އުޅުނު ދުވަސްވަރު ކުޅުނު އެލްކްލެސިކޯ މެޗުތައް ހުރިހާ ގޮތަކުންވެސް ޚާއްސަ." މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ އެދުވަސްވަރު ރޮނާލްޑޯއާއި ދެމެދު އޮތީ ވަރަށް ފުރިހަމަ ވާދަވެރިކަމެއްކަމަށާއި، ސަޕޯޓަރުންވެސް ދިޔައީ މިވާދަވެރިކަމާއެކު އުފާކުރަމުންކަމަށެވެ. އަދި އެއީ ހަމައެކަނި ބާސެލޯނާއާއި ރެއަލްމެޑްރިޑްގެ ސަޕޯޓަރުން އެކަންޏެއް ނޫންކަމަށާއި ފުޓްބޯޅައަށް ލޯބިކުރާ އެންމެންވެސް އެވާދަވެރިކަމުގައި ބައިވެރިވެ އުފާކުރިކަމަށްވެސް މެސީ ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ރޮނާލްޑޯ މެޑްރިޑްގައި 9 ސީޒަން ހޭދަކޮށްފައިވައިރު، ރެއަލްމެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އެގޮތުން ރެއަލްމެޑްރިޑާއެކު ޖެހިޖެހިގެން ކާމިޔާބުކުރި ތިން ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ.

މިހާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯ އެކްލަބާއި ގުޅުނީ 2018 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ